ޚަބަރު

1.9 މިލިއަން ރުފިޔާ ވަގަށް ނެގި ލަންކާ މީހަކު ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޭއެސްޖޭ އޯވަސީސް އިން 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގެ ލަންކާ މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ މިމަހުގެ 11 ވަނަ ދުވަހު ކޭއެސްޖޭ އޯވަސީސްގެ މުވައްޒިފުންނަށް މުސާރަ ދިނުމަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އާއި ބައެއް އެހެން ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

ރިސޯޓެއްގައި ތިބި އެ ކުންފުނީގެ މުވައްޒިފުންނަށް މުސާރަ ދޭން ވެގެން ކުންފުނީގެ ފަރާތުން ފައިސާ ބަލާ މާލެ އައިސް ހުރި މީހާ ފައިސާއާ ހަވާލުވެ އެ ހިފައިގެން އެނބުރި ރިސޯޓަށް ފުރަންދެން އޭނާ ހުރީ ގެސްޓް ހައުސްއެއްގައި ކަމަށާ ފައިސާ އާއި ރިސޯޓަށް ގެންދަން ހުރި ތަކެތި ވަގަށް ނެގީ އެ ގެސްޓް ހައުސްގައި އޭނާ ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެގޮތުން 1.9 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާ، 25،000 ރުފިޔާގެ އަގުހުރި ޑާޓާ ކާޑާ، ރައުޓާއަކާއި 11،000 ރުފިޔާގެ އަގުހުރި ފަސް މޯބައިލް ފޯނާއި 29،000 ރުފިޔާގެ އަގުހުރި ރިޗާޖް ކާޑް ވަގަށް ގެންދިޔަ ކަމަށެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ބައެއް ތަކެތި މިމަހުގެ 12 ވަނަ ދުވަހު ހޯދާފައިވާ ކަމަށެވެ. އެގޮތުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާއާ، އެހެނިހެން ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު އުމުރުން 27 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އޭނާގެ ތަހުގީގު ބަންދަށް މިހާރު ވަނީ 15 ދުވަސް ކޯޓުން ހޯދާފަ އެވެ.

މިފަހުން ވައްކަމުގެ ބޮޑެތި މައްސަލަތަކެއް ވަނީ ހިނގާފައެވެ. އެގޮތުން އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ފަޅާލައި އެ އޮފީހުގެ ތިޖޫރީ ހަލާކު ކޮށްލައިގެން 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!