ޚަބަރު

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ “ގޫގުލް ޑްރައިވް”އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހުޅެވި / ބ.ކުޑަރިކިލު, ޢަލީ ނާޖިޙު އަޙްމަދު (29އ)ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ 2026ފެބްރުއަރީ 13ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ވަނީ 5ދުވަހުގެ މުއްދަތެއް ދީފައި ކަމަށާއި އޭގެ ފަހުން، ފެބްރުއަރީ 19ވަނަ ދުވަހު އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 7ދުވަސް ދީފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި މުއްދަތު ހަމަވާނީ 2026ފެބްރުއަރީ 26ވަނަ ދުވަހަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކަންދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެކެވެ.

Ads by PNC