އެޓްވީޓަކީ ބޮޑު އޮޅުވާލުމެއް، ބަޔަކު މީހުން އުފައްދާފައިވާ މަކަރުވެރި ރޭވުމެއް: ޤާސިމް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި އިންނެވުމަކީ މިއަދު ދިވެހި ޤައުމު ލަދުވެތިވާން ޖެހޭނެ ކަމެއްކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ގެ ނަމުގައި ކޮށްފައިވާ ޓްވީޓަކީ އެމަނިކުފާނު ކުރެއްވި ޓްވީޓެއް ނޫން ކަމުގައި ވިދާޅުވެއްޖެއެވެ.
އެޓްވީޓުގެ ފޮޓޯއަކާއިއެކު ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެޓްވީޓަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ "ބަޔަކު މީހުން އުފައްދާފައިވާ މަކަރުވެރި ރޭވުމެއް، ބޮޑު ދޮގެއް" ކަމުގައެވެ.
"އެބައެއްގެ ބޭނުމަކީ ޤާސިމް އާއި ޖޭޕީ ގުއިރޯނެއްގައި ޖެއްސުން. އަދި އަޅުގަނޑުމެންނާއި ސަރުކާރާއި ޖެއްސުން" ޤާސިމް ވިދާޅުވެފައިވެއެވެ.
ޤާސިމް "ކުރެއްވި ޓްވީޓެއް" ކަމަށް ބުނާ ޓްވީޓުގައި ބުނެފައިވަނީ ރައީސް ޔާމީނާއެކު މަޝްވަރާއަށް ދާން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް އިދިކޮޅު ފަރާތާއި ގުޅިގެން ޤައުމު ކުރިއަށް ގެންދަން އެދޭ ކަމަށެވެ.
މިޓްވީޓަކީ އަސްލެއް ނޫންކަމަށް ޤާސިމްގެ އިތުރުން ޖޭޕީން ވެސް ވަނީ ބުނެފައެވެ. ނަމަވެސް މި ދެ ޓްވިޓާ އެކައުންޓުގެ ނަމާއި ފޮޓޯވެސް އެއްގޮތްކަން ގިނަ މީހުން ވަނީ ފާހަގަ ކޮށްފައެވެ.
