ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޝަކޫރު އަވަހާރަވެއްޖެ
ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް, އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވެއްޖެއެވެ.
ޝަކޫރު އަވަހާރަވީ އިންޑިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހެނދުނުއެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ އެ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައިކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވިއެވެ.
ރައީސްގެ ތައުޒިޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޝަކޫރު މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.
ޝަކޫރު ވަނީ ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ހިދުމަތުގައި 43އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފައިފައެވެ.
އެގޮތުން ސިފައިންގެ ހިދުމަތުގައި 39އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި އިރު މޯލްޑިވްސް ޕޮލިސް ސާވިސް އުފެއްދެވުމާއެކު، ރިޓަޔާ ކުރެއްވުމާ ހަމައަށް ހުންނެވީ ދިވެހި ފުލުހުންގެ ހިދުމަތުގައެވެ. 2024ވަނަ އަހަރު މަރުޙޫމް ޝަކޫރުއަށް ވަނީ، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައެވެ.