ޚަބަރު

އެމްޓީސީސީގެ 'މާލެ ޓެކްސީ' އަށް ގެނައި "ޗަންގަން ލޫމިން" ކާރުތަކުގެ ދެވަނަ ބެޗް ރާއްޖެ ގެނެސްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަލަށް ފަށާ ޓެކްސީ ޚިދުމަތަށް ހާއްސަކޮށްފައިވާ "ޗަންގަން ލޫމިން" މަރުކާގެ ކާރުތަކުގެ ދެވަނަ ޝިޕްމަންޓް އިއްޔެ ރާއްޖެ ގެނެސްފިއެވެ.

Ads by PNC

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، އަލަށް އެތެރެކުރި ކޮމްޕެކްޓް ސައިޒުގެ މި އުޅަނދުތަކަކީ ތިން ފަސިންޖަރުންގެ ޖާގަ އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި މިއީ ވެރިރަށް މާލޭގެ ހަނި އަދި ކާރުބާރު ބޮޑު މަގުތަކުގައި ދުއްވުމަށް އެންމެ އެކަށޭނެ އެއް މޮޑެލްކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. ޖާގައިގެ ގޮތުން ކުޑަވުމުގެ ސަބަބުން، ތޮއްޖެހިފައިވާ މަގުތަކުގައި ފަސޭހަކަމާ އެކު ދަތުރުކުރުމުގެ ގާބިލުކަން މި ކާރުތަކަށް ލިބިގެންވެއެވެ.

ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރިކަން ކަށަވަރުކޮށްދޭ މި ކާރުތަކުގެ ސަބަބުން، ހިދުމަތް ހޯދާ ފަރާތްތަކަށާއި ޑްރައިވަރުންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ، މިއީ އާންމުންނަށް އިތުބާރު ހުރި ސްމާޓް ދަތުރުފަތުރުގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް "މާލެ ޓެކްސީ" ލައިނުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެމްޓީސީސީގެ މި އިސްނެގުމަކީ މާލެއަށް ދިމާވެފައިވާ ދަތުރުފަތުރުކުރުމުގެ ދަތިކަމަށް ދާއިމީ އަދި މުސްތަގުބަލާ ރައްޓެހި ހައްލެއް ހޯދައިދިނުމަށް ކުރެވޭ އުންމީދީ މަސައްކަތެކެވެ.

Ads by Allied Insurance