ޚަބަރު

ފައްސިވި މީހާއާ ކްލޯސް ކޮންޓެކްޓްވި 54 މީހަކު އެކަހެރިކޮށްފި

މާލެއިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހާއާ ކްލޯސް ކޮންޓެކްޓްވި 54 މީހަކު އައިސޮލޭޓްކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މިއަދު ކޮވިޑް-19އަށް ފައްސިވި މީހާއާ ސީދާ ދިމާވި ހަތަރު ގެއެއްގެ 54 މީހުން މިހާތަނަށް ދެނެގަނެވިފައިވާކަމަށެވެ. އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގައި ދިމާވި މީހުންވެސް ދެނެގަންނަނަމުންދާކަމަށާ، އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބަލިމީހާއާ ސީދާ ދިމާވި މީހުން ހޯދުމުގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުގައި ކުރިއަށްދާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅުތަކުގައިވެސް ޕޮޒިޓިވްވި މީހާއާ ގުޅުންހުރި ބައެއް މީހުން ތިބިކަން ދެނެގަނެވިފައިވާކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އައްޑޫސިޓިން ދެ މީހަކާއި، ގދ. ވާދޫން ދެ މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިވަގުތު ވަރަށްގިނަ ތަންތަނުގައި، ގޯޅިގޯޅީގައިވެސް ކޮންޓެކްޓް ޓްރޭސިންގ ކުރިއަށްދާނެ. ވަކި ސަރަހައްދެއނޫން މާލޭގެ އެކި ސަރަހައްދުގައި ކުރިއަށްދާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މާލެއިން ފައްސިވި މީހާއަސް އެބަލި ޖެހުނީ ކިހިނެއްކަން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށާއި، އެއީ ބަލި ކޮންޓްރޯލްކުރުމަށް ވަރަށް މުހިންމުކަމެއްކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!