މަގު ހެދުމަށް މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްއާ ހަމައަށް ބޮޑުތަކުރުފާނު މަގު ބަންދުކުރަނީ
މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް މާލޭގެ މަސްވެރިންގެ ޕާކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަމައަށް އޮންނަ މަގާއި އެ ސަރަހައްދުގެ ފަޅު ބަންދުކުރުމަށް ނިންމައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްސާކޮށްފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުން، މިހާރު ވަނީ ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް އެކެއްގެ ފޭސް ދެއަކުން ފެށިގެން ހަތަރަކާ ހަމައަށް ޝީޓް ޕައިލްކުރުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ފުރިހަމަކޮށްފައި ކަމަށެވެ.
މަގާއި ފަޅުގެ ބޮޑު ބައެއް ބަންދުކުރަން ނިންމުމާ ގުޅިގެން، އެ ސަރަހައްދުގައި މިވަގުތު އަޅާފައިވާ އުޅަނދުފަހަރު ވީހާވެސް އަވަހަކަށް އެތަނުން ނެގުމަށް އެމްޓީސީސީން ވަނީ އަންގާފައެވެ. އޭގެ ތެރޭގައި ފަޅުތެރޭގައި ޕާކުކޮށްފައިވާ ލޯންޗުތަކާއި ދޯނިފަހަރުގެ ވެރިފަރާތްތަކުން، މަސައްކަތަށް ހުރަސްނޭޅޭނެހެން ފަޅުތެރެ ހުސްކޮށްދިނުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ.
މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު ބަންދުކުރަން ޖެހުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށާއި ހިނގާބިނގާވެ އުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ. އަދި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ރަސްމީ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.