ރިއާނާގެ ޝޯއެއްގައި ރަސޫލާގެ ހަދީޘަށް ޖޯކު ޖަހައި ، ފަހުން މާފަށް އެދެފި
މަޝްހޫރު ޕޮޕް ޝްޓަރ ރިއާނާގެ ލައިވް ޝޯއެއްގައި ރަސޫލާގެ ހަދީޘް ބަސްފުޅަށް ޖޯކް ޖަހައިފިއެވެ. އަދި އޭގެ ފަހުން އޭނާއަށް އަމާޒުވި ފާޑު ކިޔުންތަކާއެކު ރިއާނާ ވަނީ މުސްލިމުންގެ ކިބައިން މާފަށް އެދިފައެވެ.
މީޑިއާތައް ބުނާ ގޮތުގައި މިކަން ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އޭނާގެ އަންނައުނު ވިޔަފާރީގެ ޕްރޮމޯޝަން އިވެންޓެއްގައެވެ. ފެޝަން ޝޯއެއްގެ ގޮތުގައި ބޭއްވި މި އިވެންޓްގައި މޮޑެލުން ނެށި އެއް ލަވައިގައި ވަނީ ޤިޔާމަތް ދުވަހާ ގުޅޭ ގޮތުން ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅަކަށް ޖޯކް ޖަހާފައެވެ.
މިކަމާ ގުޅިގެން މުސްލިމުންގެ ނުރުހުމާ ފާޑު ކިޔުން ރިއާނާއަށް ވަނީ ވަގުތުން އަމާޒު ވެފައެވެ. އެހެންކަމުން އޭނާ ވަނީ މީސްމީޑިއާ މެދުވެރިކޮށް މުސްލިމުންގެ ކިބައިން މާފަށް އެދިފައެވެ.
މާފަށް އެދި ލިޔުނު މެސެޖުގައި ރިއާނާ ބުނީ އޭނާގެ އެ އަމަލަކީ އެއްވެސް ދީނަކަށް އިހްތިރާމް ކުޑަކުރުމަށް ކުރި ކަމެއް ނޫން ކަމަށާ އަދި އެ ލަވަ ޝޯގައި ހިމެނުމަކީ ކުރެވުނު ޒިންމާދާރު ކުޑަ އަމަލެއް ކަމަށެވެ. އަދި މި ފަރުވާކުޑަ އަމަލަށް ޓަކައި މާފަށް އެދޭ ކަމަށް ރިއާނާ ބުނެފައި ވެއެވެ.