"ދޮން އުނބަރާ" މިޔުޒިކް ޝޯއަށް ލިބުނީ ގާތްކަމާއި ތަރުހީބު!
ކޮވިޑްގެ ހާސްކަމަށް ލުޔެއް ދިނުމުގެ ގޮތުން އައްޑޫސިޓީ ހުޅުދޫގައި ބޭއްވި "ދޮންއުނބަރާ ނައިޓް" މިޔުޒިކް ޝޯ ވަރަށް ކާމިޔާބު ކަމަށް އެ އިވެންޓު ހިންގި ފަރާތުން މައުލޫމާތު ދީފިއެވެ.
މި މަހުގެ 6ވަނަ ދުވަހުގެ ރޭ ބޭއްވި މި ޝޯއާ ބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެމުން ޝޯގެ އިވެންޓު އޮގަނައިޒަރު ކީތު ސްޓޫޑިއޯއިން ބުނީ މިއީ އައްޑޫސިޓީގެ ހުރިހާ ރަށްތަކުގެ މީހުންނަށް ވެސް ބައިވެރި ވެވޭ ގޮތަށް އިންތިޒާމު ކުރި ޝޯއެއް ކަމަށެވެ.
"ދޮން އުނބަރާ ނައިޓް" މިޔުޒިކް ޝޯގައި ބައިވެރި ވީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ހުނަރުވެރި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޝަލަބީ، ޓޯއީ އަދި ޑެވިންއެވެ. ހުރިހާ ފަންނާނުންނަށް ވެސް ބެލުންތެރިންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއަކާއި ތަރުހީބެއް ލިބުނު ކަމަށް ވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.
"ކޮވިޑްއާ ގުޅިގެން އެންމެން ވެސް ތިބީ ވަރަށް ހާސްވެފައި. އެހެންކަމުން ނިންމީ މި ޝޯ ބާއްވަން. އަޟްޙާ ޢީދު ދުވަހު ބޭއްވުމަށް ނިންމީ މި ޝޯ، އެ ދުވަހު ނުބޭއްވުނީ ފަންނާނުންގެ ޝެޑިއުލް ހުރި ގޮތުން" ކީތު ސްޓޫޑިއޯއިން ހާމަކުރިއެވެ.
"ދޮން އުނބަރާ ނައިޓް" ޝޯ ބޭއްވުމުގެ އިތުރުން، ވަނީ އައްޑޫސިޓީ ހުޅުމީދޫގެ ބައެއް ރައްޔިތުންނަށް އެކި އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.
އެގޮތުން ޝޯ އިންތިޒާމުކުރި ކީތު ސްޓޫޑިއޯ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ހުޅުދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން، ސ. އަތޮޅު ސްކޫލާއި ހުޅުމީދޫގެ ޖަމިއްޔާތަކަށެވެ. އޭގެ އިތުރުން ބޭސްފަރުވާގެ އެހީތެރިކަމަށް އެދިގެން ދިޔަ ބައެއް އާންމު ރައްޔިތުންނަށް ވެސް އެހީތެރިކަމުގެ ދީލަތި އަތެއް ދިއްކޮށްލި ކަމަށް ވެސް ކީތު ސްޓޫޑިއޯއިން މައުލޫމާތު ދިނެވެ.
“އެކި ފަރާތްތަކަށް އެގި ގޮތްގޮތުން އެހީވެވުނު. ޕޮލިސް ސްޓޭޝަނާއި، ސްކޫލަށް ހަދިޔާ ކުރީ އެ ބޭފުޅުން ބޭނުންވާ ބައެއް ތަކެތި" ބުންޏެވެ.