ވިޔަފާރި

ހަނގުރާމައިގެ ސަބަބުން ބޮޑުހިލަ ލިބުމުގައި ދަތިތަކާ ކުރިމަތިވެއްޖެ

ފާތިމަތު އަފްނާން ، ދެން އޮންލައިން
ބަނދަރުގެ މަސައްކަތް ކުރަން ގެންދިޔަ ހިލަތައް ބަލާ ގޮސް އޮތް އެމްޓީސީސީގެ ބާޖު / ފޮޓޯ:ސޮބީހް

މެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ބޮޑުހިލަ ލިބުމުގައި ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

Ads by Allied

ރައްޔިތުން މަޖިލީހުގައި މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ އާއްމުކޮށް ބޮޑުހިލަ ގެންނަނީ މެދުއިރުމަތިން ޔޫއޭއީން ކަމަށާ ނަމަވެސް ހިލަ ލިބުމުގައި މިހާރު ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"ޔޫއޭއިން ހިލަ ގެންނަން ދަތި، ނަމަވެސް މި މަސައްކަތް ކުރަނީ އުސޫލެއް ކަނޑައަޅައިގެން އިންޑިއާއިން ނަމަވެސް ގެންނަން. ހިލަ ނުލިބިގެން މަސައްކަތް ކުރިއަށް ނުގޮސް ގިނަ ރަށްރަށުގައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކުން ވެސް ވަނީ މި ދުވަސްވަރު ރާއްޖެއަށް ހިލަ ލިބުމުގައި ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބުނެފަ އެވެ.

ރާއްޖެއަށް އަހަރަކު ގާތްގަނޑަކަށް 600,000 އާއި 1,000,000 މެޓްރިކް ޓަނާ ދެމެދުގެ އަދަދަކަށް ބޮޑު ހިލަ އެތެރެކުރެއެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ ބަނދަރު ހެދުމަށް އެވްރެޖްކޮށް ކޮންމެ ރަށަކަށް 15,000 އާއި 40,000 މެޓްރިކް ޓަނުގެ ހިލަ ބޭނުންވެއެވެ. އާއްމުކޮށް އެތެރެކުރަނީ ދެ ބާވަތެއްގެ ހިލައެވެ. އެއް ބާވަތަކީ ގްރެނައިޓް އެވެ. މިއީ ވަރަށް ވަރުގަދަ، ގިނަ ދުވަހަށް ދެމިހުންނަ ހިލައެކެވެ. އަދި އަނެއް ބާވަތަކީ ލައިމްސްޓޯން އެވެ. މިއީ ބައެއް ކަހަލަ ކުދި މަޝްރޫއުތަކުގައި ބޭނުންކުރާ ބާވަތެކެވެ.

Ads by Allied Insurance