މި ސަރުކާރަށް ރައްޔިތުންގެ އުންމީދެއް ނެތްކަން ވޯޓުން ރައްޔިތުން ދައްކާދީފި: ދީދީ
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާއިން މި ސަރުކާރަށް ރައްޔިތުންގެ އުންމީދެއް ނެތްކަން ވޯޓުން ރައްޔިތުން ދައްކައިދީފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް ވަޑައިގަތީ އެމްޑީޕީ ސަރުކާރުގައި ފަށާފައިވާ މަޝްރޫޢުތައް ނިންމާނެ ކަމުގެ ޔަޤީންކަން ދެމުން ކަމަށާއި މި ސަރުކާރަށް ތިން އަހަރުވީއިރު، އެއްވެސް ވަޢުދެއް ފުއްދިފައިނުވާ ކަމަށެވެ. އަދި އިންސާފުވެރި އިންތިޚާބީ ވޯޓަކާއި ހަމައިން ރައްޔިތުން ސަރުކާރަށް ދޭން ބޭނުންވާ މެސެޖުދީފި ކަމަށެވެ.
"ރައްޔިތުންނަށްވީ ވަޢުދުތައް ފޮތެއްގައި ޗާޕުކުރައްވާ، ސާފުކޮށް ފެންނަން އޮތްއިރު އޭގެން އެއްވެސް ވަޢުދެއް ފުއްދަވާތަނެއް ނުފެނޭ." މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކާމެދު މާޔޫންވެފައިވާ ކަމަށާއި ދަޢުލަތުގެ މާލީ ޙާލަތު ދަށަށް ގޮސް، ދުވަހެއް ދުވަހަކަށް ރައްޔިތުންދަނީ ނިކަމެތިވަމުންކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި މިހާރު ރައްޔިތުން ތިބީ 2023ވަނަ އަހަރު ތިބި ޙާތަކަށްވުރެ ވެސް ނިކަމެތި ޙާލަތަކަށް ދިވެހި ރައްޔިތުން ވެއްޓިއްޖެ ކަމަށް މެންބަރު ވިދާޅުވިއެވެ.