ޚަބަރު

ޗައިނާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރަން: ޝާހިދު

މި އަހަރުގެ ތެރޭގައި ޗައިނާއާއެކު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ހޮސްޕޮޓަލުގައި ޗައިނާގެ އެހީގައި ގާއިމް ކުރާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ކްލިނިކާ ގުޅޭ ގޮތުން ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓުތަކާ ގުޅިގެން ޝާހިދު ވިދާޅުވީ އެ މަޝްރޫއަކީ ޗައިނާ އާއި ރާއްޖެ ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުވެގެން ދިޔަ ކަމެއް ކަމަށެވެ.

މި އަހަރުގެ ތެރޭގައި އެ މަޝްރޫއާއި ދެ ފަރާތައް ފައިދާވާ އެހެން މަޝްރޫއުތަކުގައި ވެސް ޗައިނާއާ ގުޅިގެން އިތުރަށް ކައިރިން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ޝުކުރިއްޔާ ސަފީރު ޒަންގް ލިޒޮންގް. މިއީ އަނެއްކާވެސް ރާއްޖެ އާއި ޗައިނާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް. އަޅުގަނޑު އުއްމީދު ކުރަނީ މިއަހަރު ޗައިނަ އާއި އެކު ދެގައުމަށް ފައިދާ ހުރި އިތުރު ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ އެ ޓުވީޓައް ޖަވާބު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ރަނގަޅު ކަންކަން އަންނަން އެބަހުރި ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!