ކިލޯއަކަށް ވުރެ ގިނަ ޑްރަގު އެތެރެކޮށްގެން ހައްޔަރުކުރި ދިވެހި ދެ އަންހެނުންގެ ބަންދު އިތުރުކޮށްފި
ވައިގެ މަގުން ކިލޯއަކަށް ވުރެ ގިނަ ޑްރަގު އެތެރެކޮށްގެން ހަައްޔަރުކުރި ދިވެހި ދެ އަންހެނުންގެ ބަންދު އިތުރުކޮށްފިއެވެ.
މިދިޔަ މަހު އެ މައްސަލައިގައި ހައްޔަރުކުރީ މާލެ، ގ. މުތީއާގެ، އަލްޔާ ޝަރްސާ ނަސީރު 25، އަދި ކ. ތުލުސްދޫ، ބިޖިލިއުފާ، އާމިނަތު ރޫނާ 29،އެވެ. އެ މައްސަލައިގައި އޭރު އެ ދެ މީހުން 15 ދުވަހަށް ބަންދުވެސް ކުރިއެވެ.
އެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް އިތުރު 25 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ ދެ މީހުންގެ މައްޗަށް ވެސް ވަނީ މަސްތުވާތަކެތި ޓްރެފިކްކޮށް އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުކޮށްފައެވެ.
ފުލުހުން ބުނީ މީގެތެރެއިން އަލްޔާ ހައްޔަރުކޮށްފައި ވަނީ ކަސްޓަމްސްއިން އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓުމުން ކަމަށެވެ. އަދި ހަމަ އެރޭ ހިންގި އޮޕަރޭޝަނުގައި ރޫނާ ހައްޔަރު ކުރީ ހުޅުމާލޭން ކަމަށް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންދާކަން ފާހަގަކޮށްލެވެއެވެ.