ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ކުރިމަތިވާ ވިސާގެ ދަދިތަކަށް ހައްލު ހޯދައިދޭނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލަންކާގައި އޫޅޭ ދިވެހީންނާ ރައީސް ބައްދަލުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް ކުރިމަތިވާ ވިސާގެ ދަދިތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

Ads by Allied

ރައީސް މުއިއްޒު އިއްޔެ ލަންކާއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ލަންކާގައި ދިރިއުޅެމުންދާ ދިވެހީންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި ވެރިކަމުގެ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ވެސް ލަންކާގައި ދިރިއުޅެމުންދާ ދިވެހީންނަށް ކުރިމަތިވެފައިވާ ވިސާގެ މައްސަލަ ފާހަގަވެވަޑައިގެންނެވި ކަމަށެވެ.

އަދި ވިސާގެ މައްސަލައަކީ މިވެރިކަމުގެ އަހަރުތަކެއް ކުރިން ފެށިގެން އައި މައްސަލައެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަދި ވިސާގެ މައްސަލައިގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ސަރުކާރުން ކުރަމުންދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ އުއްމީދީ ޖަވާބެއް  ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިހާރު ދެއްވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ސަރުކާރުން ގެންދާނީ އެ ބޭފުޅުންނާއި އެކުގައި އެކަންކަން ފައިނަލް ކުރުމުގެ މަސައްކަތް. އެހެންވީމާ ދާއިމީ ގޮތެއްގައި ވިސާގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން (ލަންކާއިން)ދެއްވެވި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވިސާގެ މައްސަލަ ކުރިން އޮތް ހާލަތަށް ނުވަތަ އެއަށްވުރެ ވެސް ރަނގަޅަށް ހައްލުވެގެންދާނެކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.

Ads by Allied Insurance