ރިޕޯޓު

ކޯވިޑް19 އަހަރެމެންނާއި އަރާ ހަމަކޮށްފި! ގޭގައި ތިއްބަވާ! އަދިވެސް ހަމަ ގޭގައި ތިއްބަވާ!

ދެން އެމްވީ

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީ އިން ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް 19 މިވަނީ ދުނިޔޭގެ އެކި ބައްރުތައް ފަތަހަކޮށްފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ކޯވިޑް 19ގެ ޝިކާރައަކަށްވީ މީހުންގެ އަދަދު ދެމިލިއަނަށްވުރެ މައްޗަށް އެރިއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ، 133 ހާހަށްވުރެ މައްޗަށް ވަނީ އަރާފައެވެ. މުޅި ދުނިޔެ މިއޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޯވިޑް 19ގެ ނުރައްކަލުގެ މިންވަރު ބޮޑުކަމުން މިކަަމަކީ ދުނިޔެއަށް ބަލި މަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

އިންސާނުންގެ ލޮލަށް ވެސް ނުފެންނަ ވަރު ކުޑަކުޑަ ވައިރަހެއްގެ ކުރިމަތީގައި ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދުތަކާއި ފުދުންތެރި އަދި ތަނަވަސް ގައުމުތައް ވެސް ކުޑަކަކޫ ޖަހަން ޖެހުނުއިރު މިކުޑަކުޑަ ރާއްޖެއިން ވެސް ކޮރޯނާ ވައިރަހުގެ މުށުތެރެއަށް ވަދެއްޖެއެވެ.

އަޅުގަނޑުމެންގެ ގައުމުގައި ޚާއްޞަކޮށް ރޯޅިއެއްހެން ވައިރަސް ފެތުރިދާނެ ފަދަ ގޮތަކަށް މީހުންގެ އުޅުމާއި ގުޅުން އޮތް މާލޭގައި ވައިރަސް ފެތުރެން ފަށައިފިނަމަ ހާލަތު ގޯސްވާނެވަރު ވިސްނާލާށެވެ. ރާއްޖެއަކީ ވަސީލަތްތަކުގެ ގޮތުންނާއި ފަންނުވެރިކަމުގައި ވެސް ފަހަތުގައި އޮތް ގައުމެކެވެ. އެހެންކަމުން މިހާތަނަށް ފަރުވާއެއް ފެނިފައި ނުވާ މި ނުރައްކާތެރި ވައިރަސް ދިވެހިން ތެރޭ ފެތުރެން ފަށައިފިނަމަ އަޅުގަނޑުމެން ނިކަމެތިވާނެ މިންވަރު ވިސްނާލާށެވެ.

ދެބަސް ނުވެވޭނެ ހަގީގަތަކީ ނުވަތަ ގަބޫލު ކުރަންވި ކަމަކީ މިކަމުގެ ސީރިއަސް ކަމެވެ. ޓްރެވަލް ހިސްޓްރީ އެއް ނެތް ދިވެއްސަކު ވެރިރަށް މާލެއިން ކޯވިޑް 19 އަށް ޕޮޒިޓިވްވެ އޭނާއާއި ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ދެމީހަކުވެސް ބައްޔަށް ޕޮޒިޓިވް ވުމުން އަދި އެތައް ބަޔަކު ޕޮސިޓިވް ވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

ވެކްސިނެއް ބޭހެއް ހޯދިފައި ނެތް ކޯވިޑް 19 އިން ރައްކާތެރިވުމަށް އޮތީ ފަރުދީ ޒިންމާ އަދާ ކުރުމެވެ. ތިމާގެ ފަރާތުން އެހެން މީހަކަށް ބަލި ނުޖެހޭނެކަން ޔަގީން ކުރުމެވެ. އަދި ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ޢަމަލު ކުރުމެވެ.

ސަރުކާރާއި ކަމާއި ބެހޭ ފަރާތްތަކުން ކުރަމުން ދިޔަ އާދޭސް ތަކަށް އޭރު ގިނަ މީހުން ދެމުން ގެންދިޔައީ ބީރު ކަންފަތެކެވެ.ނަމަވެސް ކޮވިޑް މި މުޖުތަމަޢަށް އަރާ ހަމަކޮށްފިއެވެ.

ދެންވެސް އޮތީ އަމިއްލަ މީހާއި އާއިލާގެ ރައްކާތެރިކަމަށް ވިސްނުމެވެ. ސިއްހީ ހިދުމަތްތެރިންގެ އަޑު އެހުމެވެ. ނުރައްކަލުގެ ރަނގަބީލުގެ އަޑު އެދަނީ ބާރުވަމުންނެވެ. ލޮކްޑައުން އުވާލިޔަސް މުޅި ގައުމުގެ ކުރިމަގަށް ވިސްނާފައި ގޭގައި ތިބޭށެވެ. މިހާރު އަހަރެމެން މި އުޅެނީ ވައިރަހާ އެކުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!