އިޖުތިމާއީ ފޭރާން ހަރުދަނާކުރުމުގެ އެންމެ އިސް އަސާސަކީ ބަދަހި އާއިލާތަކެއް ބިނާކުރުން: ރައީސް
ގައުމެއްގެ އިޖުތިމާއީ ފޭރާން ހަރުދަނާކުރުމުގެ އެންމެ އިސް އަސާސަކީ ބަދަހި އާއިލާތަކެއް ބިނާކުރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި، ﷲގެ އެއްކައުވަންތަކަން ގަބޫލުކުރުމަށް ފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް އަމުރުކުރައްވާފައިވުމަކީ، އިސްލާމްދީނުގައި ޢާއިލާއަށް ދީފައިވާ މަތިވެރި ގަދަރާއި އަހުމިއްޔަތު ހާމަވާ ކަމެއްކަމަށް ވިދާޅުވިއެވެ.
އަދި އާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކު ވެސް ކެނޑިގެންދާނެ ގުޅުމެއް ނޫންކަމަށާއި ގައުމެއްގެ އިޖުތިމާއީ ފޭރާން ހަރުދަނާކުރުމުގެ އެންމެ އިސް އަސާސަކީ ބަދަހި ޢާއިލާތަކެއް ބިނާކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޕޯސްޓްގައި ދިވެހި ކޮންމެ ރައްޔިތަކަށްމެ އާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ހަޔާތަކަށް އެދި ދުއާކުރަމުން މި އުފާވެރި ދުވަހުގެ ތަހުނިޔާ ފޮނުއްވިއެވެ.
ބައިނަލްއަގުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މީސްމީޑިއާގައި އާންމުކުރެއްވި މެސެޖުގައި ހަރުދަނާ މުޖުތަމައުއެއް ބިނާކުރުމަށާއި އުޖާލާ މުސްތަގުބަލެއް ކަށަވަރުކުރުމަށް އާއިލާތަކުން ފޯރުކޮށްދޭ ލޯތްބާއި، އޯގާތެރިކަމާއި، އެހީތެރިކަން މުހިންމުކަމަށް ވިދާޅުވިއެވެ.
އާއިލާތަކަށް އިޖުތިމާއީ އަދި އިގުތިސާދީ އައު ގޮންޖެހުންތަަކާ ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، މައިންބަފައިންނާއި ދަރިންގެ އިތުރުން ޢާއިލީ ޒިންމާތައް އުފުލާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމުގެ މުހިންމުކަން އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ޢާއިލާތަކުގެ ފުރިހަމަ ކުރިއެރުމާއި ލާބައަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ، އުޖާލާ އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ދިވެހި ޤައުމުގެ ބިންގާ ވަރުގަދަކުރުމަށް ކުރެވޭ ނުހަނު މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.