ދުނިޔެ

ޔަހޫދީންގެ ހަމަލާތަކާ އެކުވެސް އެތައް ހާސް ބަޔަކު އަޤްޞާ މިސްކިތުގައި މިއަދު ޢީދު ނަމާދުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އިސްރާއީލުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި ބިރުދެއްކުންތަކާ އެކުވެސް، މަސްޖިދުލް އަޤްޞާގައި މިއަހަރުގެ އަޟްޙާ ޢީދު ނަމާދު ފަލަސްޠީނުގެ އެތައް ހާސް މުސްލިމުންނެއް ޖަމާވެ އަދާކޮށްފިއެވެ.

Ads by Allied

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އުފާވެރި ޢީދުގެ މުނާސަބަތުގައި އަޤްޞާގެ ގޯތިތެރެ މީހުންނާ އެކު ފުރިބާރުވެފައިވާއިރު، މުސްލިމުން އަންނަނީ އިބްރާހީމްގެފާނު ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ހަނދާން އާކުރުމުގެ ގޮތުން އުޟްޙިޔާ ކަތިލައި، އޭގެ މަސް ނިކަމެތިންނާއި ފަޤީރުންނަށް ބަހަމުންނެވެ.

ނަމަވެސް، މިއަހަރުގެ ބޮޑު ޢީދާ މުސްލިމުން ކުރިމަތިލާފައި ވަނީ ނުހަނު ނުތަނަވަސް ދަނޑިވަޅެއްގައެވެ. އެއީ 2025ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެކުލަވާލާފައިވާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާ ޔަހޫދީން ތަކުރާރުކޮށް ޚިލާފުވެ، ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް އިތުރުކޮށްފައިވާ ވަގުތެކެވެ.

ފަލަސްޠީނުގެ ސަރުކާރުން މުވައްޒަފުންނަށް މުސާރައިގެ ބައެއް ދޫކުރުމާ ގުޅިގެން ޢީދަށް ތައްޔާރުވުމަށް ގިނަ ބަޔަކު ބާޒާރުކުރަން ނުކުމެ އުޅުނު ވަގުތާ ދިމާކޮށް، ޔަހޫދީ އަސްކަރިއްޔާއިން ވަނީ ހުޅަނގު އައްސޭރީގެ ދެކުނުގެ ރަށްތަކަށް ވަދެގަނެފައެވެ. ފަލަސްޠީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަތިޔާރާ އެކު ވަން ސިފައިން ވަނީ އާންމުންނަށް ހަމަލާދީ، ބާރުގެ ބޭނުންކޮށްގެން ފިހާރަތައް ބަންދުކުރުވާފައެވެ.

މިގޮތުން އެންމެ ބޮޑަށް ހަމަނުޖެހުން ހިންގާފައިވަނީ ހެބްރޮންގެ ދެކުނުން އޮންނަ ދޫރާ އަވަށުގައެވެ. ތުރުކީގެ އަނަދޯލޫ އޭޖެންސީއަށް މައުލޫމާތު ދިން މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި، ބާޒާރުމަތީގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުން ދަނިކޮށް ކުއްލި ގޮތަކަށް އިސްރާއީލުގެ އަސްކަރީ ވެހިކަލްތައް އެ ސަރަހައްދަށް ވަދެ، ކަރުނަގޭސް ބޭނުންކޮށްގެން އާންމުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. މިއީ ހުޅަނގު އައްސޭރީގައި މީހުން ހައްޔަރުކުރުމާއި މެރުން ފަދަ ޓެރަރިސްޓު އަމަލުތައް އިސްރާއީލުން އިންތިހާއަށް އިތުރުކުރަމުންދާ ދަނޑިވަޅެއްގައި ހިންގި އުދުވާނެކެވެ.

Ads by Allied Insurance