މަސްތުވާތަކެތި ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާން ދިވެހި އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
މަސްތުވާތަކެތި ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާން ދިވެހި އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި މި މަހުގެ 11ވަނަ ދުވަހު ހައްޔަރުކުރި ގ. ނާޝިދުވިލާ / މާލެ، ފާތިމަތު ޝާހާ އިބްރާހީމް (22އ)ބަންދަށް ކުރިން އޮތީ 15ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާގެ ބަންދަށް ވަނީ އިތުރު 30ދުވަސް މިއަދު ޖަހައިދީފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ޝާހާގެ ފޯނުން ވައިބާ އިން އިތުރު ފަރާތަކާއި ދެމެދު ހިންގާފައިވާ މުޢާމަލާތެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ކޮތަޅެއެް ފޮޓޯ ފޮނުވާފައި ހުރިކަން ފުލުުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
ޝާހާ ދިރިއުޅުނު ހުޅުމާލެ ފޭސް 2ހިޔާ ފްލެޓުގެ ކޮޓަރިން ފެނުނު މަސްތުވާތަކެތި ވަގުތީ ބަރުދަނުގައި 238.63ހުއްޓެވެ. މިއީ މްސްތުވާތަކެތި ޓްރެފިކްކުރުމަށް ގެންގުޅޭ މިންވަރުކަމަށް ބެލެވޭ އަދަދަށް ވުރެ ވެސް މާ ގިނަ މަސްތުވާތެއްޗެވެ. އެހެންވެ އެ ކުށް ސާބިތުވެއްޖެނަމަ ބޮޑު ހުކުމެއް އަންނާނެއެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ފަހަކަށް އައިސް މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައިި ހައްޔަރުކުރާ ދިވެހި އަންހެނުންގެ އަދަދު ދަނީ އިތުރުވަމުންނެވެެ.