ޚަބަރު

ދެ މީހަކު ވަށަފަރާއި މޮޅަދޫން އެކަހެރި ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހާއާ ބައްދަލުވި ކަމަށް ބުނާ ހއ. ވަށަފަރު މީހަކާއި އެ މީހާ އެކު އެއް ފްލައިޓެއްގައި އިއްޔެ ދަތުރުކުރި އެ އަތޮޅު މޮޅަދޫ މީހަކު އެކަހެރި ކޮށްފިއެވެ.

Ads by Sosun Fihaara

ވަށަފަރު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރައޫފް "މިހާރަށް" ވިދާޅުވި ގޮތުގައި އިއްޔެ އެ ރަށަށް ދިޔަ މެދު އުމުރުގެ އަންހެނަކު ވަނީ، މާލެ އިން ކޮވިޑް-19 އަށް ފައްސިވި އަންހެންމީހާއާ ބައްދަލުވެފައި ކަމަށް އާއިލާ އިން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންކަމުން ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި އެއްޗެއް އަންގަންދެން އެ އަންހެން މީހާ ގޭގައި އެކަހެރިވެ ހުރުމަށް އަންގާފައިވާނެ ކަމަށް ރައޫފް ވިދާޅުވި އެވެ.

ރައޫފް ވިދާޅުވި ގޮތުގައި އަންހެން މީހާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އަދި އެކަމާ ގުޅިގެން އަމަލުކުރަންވީ ގޮތެއް ސާފު ކުރުމަށް އެޗްޕީއޭއަށް ލިޔެފައިވާނެ ކަމަށާއި އަދި ރަސްމީކޮށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

ވަށަފަރު އެ އަންހެން މީހާއާ އެކު އިއްޔެ އެއް ފްލައިޓެއްގައި މޮޅަދު އަށް ދިޔަ މީހަކު ގޭގައި މަޑުކުރަން އެ ރަށުގެ ކައުންސިލާއި ސިއްހީ މަރުކަޒުން ވަނީ އަންގައިފަ އެވެ.

މޮޅަދޫ ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި އަހުމަދު އަޝްރަފް ވިދާޅުވި ގޮތުގައި އެގޮތަށް އެންގީ ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކާ އެކުގައި އެއް ފްލައިޓެއްގައި ދަތުރު ކޮށްފައިވާ މީހަކަށްވާތީ އެހެން މީހުންގެ ރައްކަލަކަށްޓަކައި ކަމަށެވެ. އެމީހާއާ ދޭތެރޭ އަމަލު ކުރާނެ ވަކި ގޮތެއް އަދި އެޗްޕީއޭއިން ނާންގާ ކަމަށް ވެސް ވިދާޅުވި އެވެ.

މާލެއިން އިން ދިވެއްސަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދު 24 ގަޑިއިރުގެ މުއްދަތަށް ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ.

މާލެއިން އިއްޔެ މީހަކު ޕޮޒިޓިވްވިއިރު އެމީހާއާ ސީދާ ގޮތުން ބައްދަލުވި އިތުރު ދެ މީހަކު ވެސް ރޭ ވަނީ ބައްޔަށް ފައްސި ވެފައެވެ. އޭގެތެރޭގައި އެމީހާގެ ދަރިފުޅު ވެސް ހިމެނެއެވެ.

އަދި އެމީހާއާ ކޮންޓެކްޓުވި 14 މީހެއްގެ ކިބައިންގެ ބަލީގެ އަލާމާތްތަކެއް ފެނިގެން ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

މާލެއިން ކޮވިޑަށް މިހާތަނަށް ތިން މީހަކު ފައްސި ވެފައިވާއިރު، ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ފައްސި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އިތުރު ތަފްސީލު އަންނަނީ...

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!