24 ގަޑިއިރަށް އެތެރޭގެ އުދުހުންތައް މެދު ކަނޑާލައިފި
24 ގަޑިއިރަށް އެތެރޭގެ އުދުހުންތައް މެދު ކަނޑާލައިފިއެވެ.
ދެންމެ މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19އާ ގުޅިގެން މާލެސިޓީ “ލޮކް ޑައުން” ގެ މުއްދަތު އިތުރުކުރުމާ ގުޅިގެން އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން ކުރިޔަށް އޮތް ސައުވީސް ގަޑިއިރަށް އެތެރޭގެ އުދުހުންތައް މެދުކަނޑާލާފައިވާކަމަށެވެ.
ކޮވިޑް19 އަށް ފައްސިވި މީހަކު މާލެއިން ފެނުމާއެކު އިއްޔެ އިއުލާނުކުރި ލޮކްޑައުން އާއެކު ވެސް މޯލްޑިވިއަން އިން ވަނީ 24 ގަޑިއިރަށް ދަތުރު ތައް މެދުކަނޑާލާފައެވެ.
އިއްޔެ މާލޭގައި އިއުލާނުކުރި ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވަނީ އިތުރު 24 ގަޑިއިރަށެވެ.
ލޮކްޑައުން ގެ ހާލަތު ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި އެވަގުތުތަކުގައި މީހުން މަގުތަކަށް ނިކުމެ އުޅުމަކީ މުޅިން މަނާކަމެކެވެ.
މާލެއިން އިއްޔެ މީހަކު ޕޮޒިޓިވްވިއިރު އެމީހާއާ ސީދާ ގޮތުން ބައްދަލުވި އިތުރު ދެ މީހަކު ވެސް ރޭ ވަނީ ބައްޔަށް ފައްސި ވެފައެވެ. އޭގެތެރޭގައި އެމީހާގެ ދަރިފުޅު ވެސް ހިމެނެއެވެ.
އަދި އެމީހާއާ ކޮންޓެކްޓުވި 14 މީހެއްގެ ކިބައިންގެ ބަލީގެ އަލާމާތްތަކެއް ފެނިގެން ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މާލެއިން ކޮވިޑަށް މިހާތަނަށް ތިން މީހަކު ފައްސި ވެފައިވާއިރު، ރާއްޖޭގައި މި ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ފައްސި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮވިޑް-19އާ ގުޅިގެން މާލެސިޓީ “ލޮކް ޑައުން” ގެ މުއްދަތު އިތުރުކުރުމާ ގުޅިގެން އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން ކުރިޔަށް އޮތް ސައުވީސް ގަޑިއިރަށް އެތެރޭގެ އުދުހުންތައް މެދުކަނޑާލާފައިވާކަން ހުރިހާ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
— Maldivian (@MaldivianAero) April 16, 2020