ޚަބަރު

އަމީނިއްޔާ ސްކޫލުން ވައްކަންކޮށްގެން ދެ މީހަކަށް 3 މަސް ދުވަހުގެ ޖަލު ހުކުމެއް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކްރިމިނަލް ކޯޓު

އަމީނިއްޔާ ސުކޫލުގައި ކޮންސްޓްރަކްޝަން މަސައްކަތަކަށް ބަހައްޓާފައި ހުރި 18 ބިޑި ވަގަށް ގެންދިޔަ މައްސަލައެއްގައި ދެ މީހަކުގެ މައްޗަށް 3 މަސް ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްޔެ ކޮށްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުން އެނގޭ ގޮތުގައި ދައުވާ ކޮށްފައި ވަނީ އއ. ތޮއްޑޫ/ ރަތްވިލާގެ އަލީ އަދުހަމް އާއި މ. ކޮޅުފުށި/ ބިޖިލީގެ މުހައްމަދު ރަޝީދުގެ މައްޗަށެވެ. އެ ހުކުމުން އެނގޭގޮތުގައި މިއީ 2020 ވަނަ އަހަރު ހިނގި ކަމެކެވެ.

އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހު އަދުހަމް އާއި އިތުރު މީހަކު ވަނީ އަމީނިއްޔާ ސުކޫލުގެ ގޭޓު ކައިރިއަށް ގޮސް، ޓިނު ބޭނުންކޮށްގެން އަމީނިއްޔާ ސުކޫލު ތެރެއަށް ފުންމާލާފައިވާ ކަމަށް ދައުވާ ކުރި ސަބަބުގައި ބުނެފައިވެއެވެ. އަދި އެ ސުކޫލުތެރެއިން ކޮންސްޓްރަކްޝަން މަސައްކަތްކުރަން ބޭނުންކުރާ 18 ބިޑި ވަގަށް ނަގާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ދެ މީހުންގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުން ކުށް ސާބިތުވާ ކަމަށް އިއްޔެ ހުކުމްކުރިއެވެ.

އޭގެ ތެރެއިން އަދުހަމްގެ މައްޗަށް އިއްވި ޖަލު ހުކުމުން އެއްވެސް ބައެއް ޖޫރިމަނާގެ އަދަބަށް ލުއިކުރުމަކަށް ކޯޓުން ނުނިންމައެވެ. އެއީ ތަކުރާރުކޮށް އެ ކޯޓުގެ ހުރުމަތް ކެނޑޭނެ އެކި ކަންކަން އަދުހަމްގެ ފަރާތުން ފެނިފައިވާތީ ކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މުހައްމަދު ރަޝީދަށް އިއްވި ތިން މަހުގެ ޖަލު ހުކުމުގެ ތެރެއިން ޖަލު ބަންދުގައި ތަންފީޒުކުރުމަށް ކަނޑައެޅީ 6 ދުވަހެވެ. ބާކީ ދެ މަހާއި 24 ދުވަސް ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް، ކުރިއަށް އޮތް 5 މަސް ދުވަސް ތެރޭގައި 16،800 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ހުކުމްކޮށްފައިވެއެވެ.

Ads by Allied Insurance