ޚަބަރު

ސިޔާސީ ޕާޓީ ބަދަލުކުރެއްވުމާ ގުޅިގެން ތިނަދޫ ކައުންސިލް ރައީސް މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު ޢަލީ

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވި ޕާޓީ ފިޔަވައި އެހެން ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ސަބަބުން، ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު ޢަލީ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް ސޮއިކުރައްވައި ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ސާމިރު އަޙުމަދަށް ފޮނުއްވި ރަސްމީ ސިޓީގައި އަންގަވާފައި ވަނީ، އެލްޖީއޭގެ ބޯޑުން މި މައްސަލައިގައި ގޮތެއް ނިންމަންދެން ޝުޖާއު އޮފީހަށް ނުކުމެވަޑައިގަތުމާއި މަގާމުގެ އެއްވެސް ޒިންމާއެއް އަދާކުރެއްވުން މަނާވާނެ ކަމަށެވެ.

ތިނަދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ޝުޖާއު އިންތިޚާބުވެވަޑައިގަތީ 'ދަ ޑިމޮކްރެޓްސް' ގެ ޓިކެޓުގައެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމުކުރާ މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލުމާ ގުޅިގެން، ފާއިތުވި މެއި މަހުގެ 19ވަނަ ދުވަހު އޭނާ ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ސޮއިކުރައްވައިފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ޕާޓީއެއްގެ ނަމުގައި ކައުންސިލަށް އިންތިޚާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ހިމެނިއްޖެނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

އަދި މި ވަގުތީ މުއްދަތުގެ ތެރޭގައި ކައުންސިލްގެ އެންމެހާ ކަންކަން ހިންގުމާއި ރައީސްގެ ޒިންމާތައް އަދާކުރެއްވުން، ގަވާއިދުގައިވާ ގޮތުގެ މަތިން ނައިބު ރައީސްގެ މައްޗަށް ވަނީ ލާޒިމުކޮށްފައެވެ. މި އެންގުމާ އެކު ތިނަދޫ ކައުންސިލްގެ ހިންގުމަށް މިހާރު ވަނީ ބަދަލުތަކެއް އައިސްފައެވެ.

Ads by Allied Insurance