ޚަބަރު

އައްޑޫ އެކްސިޑެންޓުގައި ބޮޑެތި ޒަޚަމްތަކެއް ލިބުނު ރަމީޒު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އައްޑޫ ސިޓީގެ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮލަށް ލިބުނު ފުން ޒަޚަމްތަކަކަށް ފަރުވާހޯދަމުން ދަނިކޮށް، ރަމީޒު އަބްދުﷲ ނިޔާވެއްޖެއެވެ.

އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ އައިސީޔޫގައި ފަރުވާހޯދަމުން ދިޔަ ރަމީޒުގެ ބޮލުގެ ނާށިގަނޑު ވަނީ ވަރަށް ބޮޑަށް ފަޅައިގެންގޮސްފައެވެ. އޭނާ ނިޔާވީ ސިކުނޑިއަށް ލޭއެޅުމުގެ ސަބަބުން ކަމަށް "ދެން"އަށް މައުލޫމާތު ލިބެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ އާދަޔާ ހިލާފު ބާރުމިނެއްގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލުން ނައްޓައި، ރަމީޒު ދުއްވަން އިން ސައިކަލުގައި ޖެހުމުގެ ސަބަބުންނެވެ.

މި ހާދިސާގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވަން އިން މީހާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، އޭނާ ވެސް ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

Ads by Allied Insurance