ވައިގެ މަގުން 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ގްރޫޕެއް ހައްޔަރުކޮށްފި
8 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ މުހައްމަދު މުސްތާކް ޖަމާލް (29އ)އާއި ސިރަޖުދީން ރަޝިތާ (26އ)އާއި މުކުރިމަގު، ފޭރުގަސްދޮށުގެ، ލ.ގަން / އަޙްމަދު އަފްރާޙް (33އ)އާއި ކ.މާލެ / ހ.ކަހަފަތި، އިލްޔާސް އަޙްމަދު (42އ)އާއި ކ.މާލެ / ގ.ހޭޅި، ޙަސަން ޝަމްޢޫން (36އ)ކަމަށެވެ. މި ފަސްމީހުންނަކީ އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ފަސް މީހުން ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި ގްރޫޕް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ޖޫން މަހުގެ 9ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.