މިއީ ސުނާމީއަށް ވުރެ ވެސް ބޮޑު، ނުރައްކާތެރި ކާރިސާއެއް: އަލީ ވަހީދު
ދިމާވެގެން މިއުޅޭ ކޮވިޑް-19ގެ ބަލިމަޑުުކަމަކީ 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ އަށް ވުރެ ބޮޑު، ނުރައްކާތެރި ކާރިސާއެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ހުރިހާ ރައްޔިތުންގެ އެއްބައިވަންތަކަމާ އެއްކޮށް ސުނާމީގައި ދިމާވި ކާރިސާ އިން ވެސް އަރައިގަނެވުނު ކަމަށާއި އެމަނިކުފާނު ދެކިލައްވާ ގޮތުގައި ކޮވިޑް-19 އަކީ ސުނާމީ އަށް ވުރެ ބޮޑު، ނުރައްކާތެރި ކާރިސާއެއް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ހުރިހާ އެންމެންނަށް ވެސް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތެއް ކަމަށާއި އެ އުނދަގުލައި ދަތި ސަރުކާރަށާއި ޕްރައިވެޓް ސެކްޓާގެ އިތުރުން އިގްތިސާދީ ހުރިހާ ދިމާލަކަށް ވެސް އެބައޮތް ކަމަށެވެ.
"މި ދަނޑިވަޅުގައި އެންމެން ވެސް މަސައްކަތް ކުރަންވީ ސިއްހީ މާހިރުން ދެއްވާ ލަފަޔައި އިރުޝާދުތަކަށް ގަބޫލުކޮށް މި ބަލި ކޮންޓްރޯލްކުރުމަށް. ކުރިން އުޅުނު ދިރިއުޅުމަށް ރުޖޫއަ ވެވޭތޯ މަސައްކަތް ކުރަންވީ. އިގްތިސާދު ވެސް ކުރިން ހިނގަމުންދިޔަ ގޮތަށް ފެށޭތޯ ބަލަންވީ." މިނިސްޓަރު ވިދާޅުވިއެވެ.
އިންޖީނު ނިއްވާލައިގެން ހަ މަސް ދުވަސް ނުވަތަ 12 މަސް ދުވަސް ތިބުން އެއީ އެއްވެސް މީހެއްގެ ވިސްނުމުގައި ބަހައްޓަން ވާނެ ކަމެއް ނޫން ކަމަށާއި އެކަމަކު އެ އިންޖީނު ހިންގޭނީ ގައުމާއި، ރައްޔިތުން ސަލާމަތާއި ރައްކާތެރިކަމުގައި ތިބެގެން ކަމަށް އަލީ ވިދާޅުވިއެވެ.
މީގެއިތުރުން ރައްޔިތުންގެ ސަލާމަތާި ރައްކާތެރިކަމެއް ނެތް ކަމަށްވަނީނަމަ "ސޭފް ޓޫރިޒަމް" އެއް ވެސް ނުފެށޭނެ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވުރެ މުހިއްމު އެއްވެސް ކަމެއް ސަރުކާރަށް ނޯންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ގައުމުގައި ރައްކާތެރިކަން ގާއިމުކުރުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އެ ދުވަސް ހޯދެން ވާއިރަށް ރައްކާތެރި ފަތުރުވެރިކަން ރާއްޖޭގައި ފެށުމަށް ކުރަންޖެހޭ އެންމެހައި ތައްޔާރީތައް ވަމުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަމާޒަކީ މިހާރު މިއޮތް ހާލަތު ބަދަލުވެއްޖެނަމަ ފަތުރުވެރިކަމުގެ ތިންވަނަ ކުއާޓާރު ފެށެންވާއިރަށް އެ މަސައްކަތް ފެށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.