ކޯލިޝަނަކާ ނުލައި 2028ގެ ރިޔާސީ އިންތިޚާބު ޕީއެންސީން ކާމިޔާބުކުރާނެ: ސަލީމް
ކޯލިޝަނަކާ ނުލައި 2028ގެ ރިޔާސީ އިންތިޚާބު ޕީއެންސީން ކާމިޔާބުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
މީދޫ ކައުންސިލްގެ ރައީސްކަން ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން އެރަށުގައި މިއަދު ކުރިއަށްދިޔަ އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ކުރިއަށް އޮތް ހުރިހާ ބައި-އިލެކްޝަންތަކަކާއި 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެއްވެސް ކޯލިޝަނަކާ ނުލައި އެ ޕާޓީން ބޮޑު ތަފާތަކުން ކާމިޔާބުކުރާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
މީގެ އިތުރުން، ފާއިތުވި އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީއަށް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވުނީ ޕާޓީއަށް ރައްޔިތުންގެ ތާއީދު ނެތިގެން ނޫންކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. އަދި އެ ނަތީޖާއަށް އަސަރުކުރީ، އިންތިޚާބުގެ ކެމްޕެއިނާ އެކުއެކީގައި ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙާ ގުޅޭ ފެންނަ ނުފެންނަ ވޯޓުގެ ކެމްޕެއިން ވެސް ކުރިއަށްގެންދަން ޖެހުމުން، ކެމްޕެއިންގެ މަސައްކަތްތަކަށް ސަމާލުކަން ބެހިގެން ދިއުމުގެ ސަބަބުންނެވެ. އެހެން ނޫންނަމަ، އެ އިންތިޚާބުގެ ގާތްގަނޑަކަށް 80 އިންސައްތަ ސަރުކާރުން ކާމިޔާބުކުރީސް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ސިޔާސީ މުސްތަޤުބަލާ މެދު އުއްމީދީ ވާހަކަފުޅުތަކެއް ސަލީމް ދެއްކެވިއިރު، މީދޫއިން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށްޓަކައި މިރޭ އެރަށުގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީދޫގެ ރައްޔިތުން ހޯދި މި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހަވީރު އެރަށަށް ވަޑައިގަތުމުން، ރަށުގެ ރައްޔިތުން ވަނީ އެބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.