މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ
މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު މެންދުރުފަހު ރާއްޖެ އަތުވެއްޖެއެވެ.
މި އަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިޔާ އަކީ ސްޕެއިންގެ އަލްމުތޭނާ އެސްޕަރްޒާއެވެ. އޭނާ ރާއްޖެ އައީ ގަތަރު އެއާވޭސްގެ ފްލައިޓެއްގައި މިއަދު މެންދުރުފަހުއެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މިނިސްޓަރު އަމީން ވިދާޅުވީ މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔާ ކަމަށެވެ.
އެއް މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ހާސިލްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 7ވަނަ ދުވަހުއެވެ. މި އަހަރު ޖޫން މަހުގެ 20ވަނަ ދުވަހު އެ ލަނޑުދަނޑި ހާސިލްކުރީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރި ކަމަށް ވެސް ކޮށްފައި ވަނިކޮށެވެ.
ވައިގެ ދަތުރުފަތުރަށް ވެސް ކުރިމަތިވި ދަތިތަކާ އެކު، މި އަމާޒަށް ވާސިލްވީ ފަތުރުވެރިކަމުގެ ދާއިރާގެ މަސްލަހަތުވެެރިންނާއި އެއާލައިންތަކުން ކުރި ބުރަ މަސައްކަތުން ކަން ފާހަގަކުރައްވައި، މިނިސްޓަރު އަމީން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރައީސް ޑރ. މުހައމަދު މުއިއްޒުގެ ސަރުކާރުން މި ދަތި ދަނޑިވަޅުުގައި ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން، ދިން އެއްބާރުލުމަށް ޓަކައި އެ ކަމަށް އެ މަނިކުފާނަށް ވެސް މިނިސްޓަރު އަމީން ޝުކުރު އަދާކުރެއްވިއެވެ.
މި އަހަރަށް ސަރުކާރުން 2.5 މިލިއަން ފަތުރުވެރިންގެ އަމާޒެއް ކަނޑައެޅި އިރު، މި އަހަރަކީ ވެސް ޓުއަރިޒަމް ދާއިރާގައި ރާއްޖެ ފާހަގަކޮށްލެވޭ ވަރުގަދަ އަހަރަކަށް ހެދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.