ވިޔަފާރި

މިމަހުގެ މެދުތެރޭގައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން
މޯލްޑިވިއަންގެ ބޮޑު ބޯޓުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ / ފޮޓޯ:މޯލްޑިވިއަން

މިމަހުގެ މެދެންހާ ހިސާބު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް އަރާނެ ކަމަށް ބެލެވިއްޖެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓެޓިސްޓިކްސް ދައްކާ ގޮތުން މިހާރު ރާއްޖެއަށް 981,976ޓޫރިސްޓުން ވަނީ އައިސްފައެވެ. އަދި އެއް މިލިއަން ޓޫރިސްޓުން ހަމަވާން ބޭނުންވަނީ 18,024ޓޫރިސްޓުންނެވެ. މިހާރު އަންނަ އަދަދުން އަންދާޒާ ކުރެވެނީ މިއަދަދު މިމަހުގެ މެދުތެރޭގައި ހަމަވާނެއެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރެއިން ޖެނުއަރީ (224,788)އަދި ފެބުރުއަރީ (247,722)މަހަކީ ފަތުރުވެރިކަމުގެ އެންމެ ކާމިޔާބު މަސްތަކެވެ. ނަމަވެސް މާޗް އަދި އެޕްރީލް މަހު ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކާއި އެއާލައިން ރޫޓުތަކަށް އައި ބަދަލުތަކާ ގުޅިގެން ފާއިތުވި އަހަރާ އަޅާބަލާއިރު ކޮންމެވެސް ވަރެއްގެ ދަށަށްދިއުމެއް (ނެގެޓިވް ގްރޯތްއެއް)ފެނުނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެވި މީހުންގެ ތަފްސީލު

ޓޫރިސްޓުން: 959,100
ބިޒްނަސް އެރައިވަލްސް: 8,029
ކުރޫޒްލައިނާ ފަސިންޖަރުން: 14,847
ޖުމްލަ އެތެރެވި މީހުން: 981,976

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ޖުމްލަ 2.5މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި އޮފް-ސީޒަން ނުވަތަ "ލޯ ސީޒަން"ގެ ދުވަސްތަކަށް ފަހު އަހަރުގެ ފަހުކޮޅު ފެށޭ ޕީކް ސީޒަނާއެކު މި އަމާޒަށް ވާސިލުވުމަށް ސިނާއަތުގެ ހިއްސާދާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެއިތުރުން، ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި 2027ވަނަ އަހަރަކީ ރާއްޖަށް ޒިޔާރަތްކުރާ އަހަރުގެ ގެ ގޮތުގައި ފާހަގަކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

Ads by Allied Insurance