މާލެއިން 8 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ
މާލެއިން 8 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތަކުގެ ނަތީޖާ ފައްސި ވެފައިވާ ކަމަށެވެ.
މިއީ މާލެއިން މި ބައްޔަށް ފައްސިވި އަށްވަނަ މީހާ އެވެ. އަދި މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މި މީހާއާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން މިއަދު ވަނީ ނިންމާފައެވެ.
އަދި މިއަދު ހަވީރު 6:00 އިން ފެށިގެން ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.
އަދި އެ ފިޔަވަޅު އަޅާފައިވާ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރަން ވަނީ އަންގާފައެވެ.