ޚަބަރު

މިސްކިތުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވުމަށް މިނިސްޓްރީން އަންގަައިފި

ދެން އެމްވީ ، ދެން އޮންލައިން

މިވަގުތު، މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މިވަގުތު، މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވުމަށާއި ޖަމާޢަތް މެދުކަނޑާލާނީ އެޗްޕިއޭއިން މޮނިޓަރިން ޙާލަތަށް ގެންނަ ރަށްރަށުގައި އެކަނި ކަމަށެވެ.

“ޖަމާޢަތް މެދު ކަނޑާލަން ޖެހޭ ރަށްރަށް މިނިސްޓްރީން އަންގަމުން ގެންދާނެ ވާހަކަ ދަންނަވަން” މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ފެނި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި އެ ވައިރަހާ ގުޅިގެން ސަރުކާރުން ބަންދުކުރާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން ނިންމާފައިވަނީ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނިންމާފައިވާ އެ ނިންމުން އިސްލާމިކް މިނިސްޓްރީން އަންނަނީ އެދުވަހުންން ފެށިގެން ހަފުތާއަކުން ހަފުތާއަކަށް އިތުރު ކުރަމުންނެވެ.

ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެނީ ގިނަ ބަޔަކު އެއްފަހަރާ އެއްތަނަކަށް އެއްވުމުން ކަމަށް ސިއްހީ އޮފިޝަލުން ބުނާއިރު، ގިނަ ގައުމުތަކުގައި އަންނަނީ ޖަމާއަތުގައި ނަމާދާއި ހުކުރު ކުރުން މި ވަގުތަށް މެދުކަނޑާލަމުންނެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި މިިދިޔަ ތިން ހަފުތާގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ކޮންމެ ނަމާދަކަށް އަންނަނީ ބަންގި ގޮވަމުންނެވެ. އަދި ހުރިހާ އެންމެން ވެސް ގޭގައި ނަމާދު ކުރުމަށް އެދި ބަންގި އަށް ފަހު ދިވެހި ބަހުން ގޮވަ އެވެ.

އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން ރަށެއް ލޮކްޑައުން ކޮށްފި ނަމަ، އެ ހާލަތު ނިމެންދެން އެ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ފަރުޟު ނަމާދާއި ހުކުރު ނަމާދު ނުކުރާ ގޮތަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!