ޚަބަރު

ބްރޯޑްކޮމްގެ މެންބަރުކަމުން ޒީނާ ވަކިކުރަން ކޮމިޓީން ފާސްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމުން ޒީނާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފިއެވެ.

Ads by STELCO

އެކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ބައްދަލުވުމުގައި ޒީނާ ހާޒިރުކޮށް، ބައެއް ކަންތައްތަކާއި ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވާފައި ވެއެވެ. އެގޮތުން ހާޒިރީ އާއި ގުޅޭގޮތުންނާއި ކުރީ ސަރުކާރުގައި ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމާ ގުޅޭގޮތުން އޭނާއާއި ސުވާލުކޮށްފައިވެއެވެ.

ޒީނާ މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފައި މިވަނީ އޭނާގެ މެންބަރުކަމުގެ ދައުރު ހަމަވާން ހަ މަހަށް ވެފައި ވަނިކޮށެވެ.

ބްރޯޑްކޮމް ގެ މެންބަރުކަމުން ޒީނާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އޯގަސްޓު މަހުގެ 10 ވަނަ ދުވަހުގައެވެ. އެ މަސައްކަތް ފެށުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.

އެކޮމިޝަންގެ މެންބަރު ކަމަށް ޒީނާ ޒާހިރު އައްޔަނު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުގައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމް އަށް އައްޔަނު ކުރި މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގައި މިހާރު ތިއްބެވީ، އަމްޖަދު ވަހީދު އަދި އާމިނަތު ސަރާހަތު އިއްޒަތުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!