ރިޕޯޓު

ސިފައިން އަދި ފުލުހުން: ޝުކުރު ހައްގު ބަތަލުން

ދުނިޔޭގެ އެކި ހިސާބުގަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް 19 ނުވަތަ ކޮރޯނާ ވައިރަހުގެ ސަބަބުން އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖެ މިވަނީ ވަރަށް ނާޒުކު ހާލަތަކަށް ވެއްޓިފައެވެ. ކޯވިޑް 19 އަށް ފައްސިވެފައިވާ މީހުން މާލެ ތެރެއިން ފެނުމުގެ ސަބަބުން ސަރުކާރުން މިވަނީ ގްރޭޓަރ މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. ހަމަގައިމުވެސް ކުއްލިއަކަށް ތޮއްޖެހިފައިވާ މާލެ ބަންދު ކުރުމުން އާއްމުންނަށް ދަތިތަކާއި ކުުރިމަތި ލާން ޖެހޭނެއެވެ.

މާލެ ކުއްލިއަކަށް ލޮކްޑައުން ކުރުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށްކަށްވީ ބަނޑު ފުރާމުއްތި ކުރާނެ ކާއެއްޗެހި ގަތުމެވެ. ލައްކައަކަށްވުރެ ގިނަ މީހުން ދިރިއުޅޭ މާލެ ސިޓީގައި އެއްފަހަރާ ގިނަ ބަޔަކު ފިހާރަތަކަށް އެއްޗިއްސަށް އޯޑަރ ކުރުމުން ފިހާރަތަކަށް ޑެލިވަރީ ކޮށްދިނުމަށް ނުކުޅެދުނެވެ. އެހެންނަމަވެސް މިއަދު މިވަނީ ދިވެހި ސިފައިން އަދި ފުލުހުން އާއްމުންނަށް ތަކެތި ފޯރުކޮށްދޭ ފިހާރަތަކާއިއެކު އެ މަސައްކަތުގައި ބައިވެރިވެ އަނެއްކާ ވެސް ނަމޫނާ ދައްކާފައެވެ.

ަދިވެހި ސިފައިން އަދި ފުލުހުން ދައްކާފައިވާ ނަމޫނާ އަކީ އެހެން ގައުމުތަކުން މިހާލަތުގައި ފެނިފައިނުވާ ނަމޫނާއެކެވެ. ގިނަ ދިވެހިން ދަނީ މީސްމީޑިއާގައި ފުލުހުންނާއި ސިފައިންގެ މަސައްކަތް ފާހަގަކޮށް އެ ބަތަލުންނަށް ޝުކުރު އަދާކުރަމުންނެވެ.

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތެއް އޭނާގެ ތަޖްރިބާ ހިއްސާ ކުރަމުން ބުނީ އެ ހިސާބުގައި ރައްކާތެރިކަމަށްޓަކައި، ބޮޑެތި ފިހާރަތަކުން ކާބޯތަކެއްޗާއި ކާނާގެ ބާވަތްތައް ޑެލިވަރ ނުވެސް ކޮށްދޭ ކަމަށާއި، 20 ކޭސް ފެން 8 ވަނަ ބުރިއަށް އަރުވަން ޖެހެނީ އަމިއްލަ އަށް ކަމަށެވެ. ސިފައިން ރައްޔިތުންގެ ހައްގުގައި ކުރަމުން ގެންދާ އެ މަސައްކަތް ފާހަގަކޮށް ދިވެހިން ޝުކުރުވެރިވުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.

މިފަދަ އެތަކެއް ހާދިސާތަކެއް އާއްމުން ދަނީ މީސްމީޑިއާގައި ހިއްސާ ކޮށް ފުލުހުންނާއި ސިފައިން ނަށް ޝުކުރު އަދާކޮށްފައެވެ. ދިވެހި ގައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި ވެސް ރައްޔިތުންގެ ހައްގުގައި ފުލުހުންނާއި ސިފައިން އުފުލާ ބުރަ ފެނި ގިނަ ދިވެހިންގެ ހިތް ޝުކުރުން ފުރިދެއެވެ. އެ ދެ މުއައްސަސާގައި މަސައްކަތް ކުރާ ދިވެހި ދަރިންނަކީ ހަގީގަތުގައި ވެސް ބަތަލުންނެވެ. މިވަގުތު އެ ބުރަ މަސައްކަތްތެރިންގެ އަގުވަޒަން ކުރަން ބޭނުން ނަމަ އަޅުގަނޑުމެން ކުރަންވީ ކަމަކީ ކެތްތެރިވެގެން ގޭގައި ތިބުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!