ޚަބަރު

މާލެއިން ފައްސިވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން، އުމުރުން ދުވަސްވީ މީހަކު ނުހިމެނޭ

މާލެއިން ފައްސިވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން، އުމުރުން ދުވަސްވީ މީހަކު ނުހިމެނޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

މާލެއިން މިދިޔަ ހަތަރު ދުވަސްތެރޭ ފައްސިވި ކޭސްތައް ބެހިގެންވަނީ ތިން ކްލާސްޓާއަކަށެވެ. އެއީ ޕޭޝަންޓް 21، ޕޭޝަންޓް 27 އަދި ޕޭޝަންޓް 28ގެ ފަރާތުން ވައިރަސް ޖެހުނު މީހުންނެވެ. މި ތިން މީހުންނަށް ވައިރަސް ޖެހުނީ ކާކުގެ ފަރާތުން ކަމެއް އަދި މިހާތަނަށް ނުހޯދެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މިހާތަނަށް މާލެއިން ފައްސިވި އެންމެންގެ ހާލުވެސް ރަނގަޅުކަމަށާއި އެ އެންމެނަަށް ވެސް ފަރުކޮޅުފުށީ އައިސޮލޭޝަންގައި ފަރުވާ ދެމުންދާ ކަމަށެވެ.

"އެންމެން ހާލުވެސް ސްޓޭބަލް. ހާލު ގޯސް ނަމަ، އަޅުގަނޑުމެން އަންގާނަން،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ފައްސިވި މީހުންގެ ތެރޭގައި މާބޮޑު އަންހެނަކާއި ތިން ކުޑަ ކުދިންވެސް ހިމެނޭ ކަމަށެވެ. އަދި އެމީހުންގެ ހާލަތުވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. ކުޑަކުދިންގެ ތެރޭގައި ހިމެނެނީ ދެ އަހަރުގެ ކުއްޖަކާއި 15 އަހަރުގެ އަންހެން ކުއްޖަކާއި 8 އަހަރުގެ ކުއްޖެކެވެ.

މާލެއިން 15 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 35 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!