ޚަބަރު

މާލެއިން ރަށްރަށަށް ދަތުރުކުރި މީހުން އެކެހެރިވާން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސަރަަހައްދުން މިފަހުން އެކި ރަށްރަށަށް ދިޔަ މީހުން އެމީހަކު ދިރިއުޅޭ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް އެކަހެރިވާން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އަންގައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމެއްގައި ވިދާޅުވީ މި މަހުގެ 15 އިން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި ނުވަތަ ގުޅިފަޅުން ރާއްޖެއިން އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހެއްނަމަ އެފަދަ މީހަކު އެ ރަށަކަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެފަދަ މީހަކު ދިރިއުޅޭ ތަންތަނުގައި ނުވަތަ އެ ނޫންވެސް ތަނެއްގައި އެކަހެރިވާން އަންގާ ކަމަށެވެ.

އަދި މި މަހުގެ 15 އިން ފެށިގެން މާލެ ސަރަހައްދަށް ވައިގެ މަގުން، ނުވަތަ ކަނޑުގެ މަގުން އުޅަނދުފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް ދަތުރުކުރާ އުޅަނދެއްގައިވާ މީހަކު މާލެ ސަރަހައްދަށް ފައިބައިފި ނަމަ އެފަދަ މީހަކު ދިރިއުޅޭ ރަށަކަށްދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެފަދަ މީހަކު ދިރިއުޅޭ ތަންތަނުގައި ނުވަތަ އެ ނޫންވެސް ތަނެއްގައި އެކަހެރިވާން ވަނީ އަންގާފައެވެ.

މި އެންގުން ރައްދުވާ ފަރާތްތަކުން މި އެންގުމަށް އަމަލުކުރާކަން ކައުންސިލުތަކުން ކަށަވަރުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން މި މަހުގެ 15 އިން ފެށިގެން މާލެ ސަރަހައްދަށް ވައިގެ މަގުން، ނުވަތަ ކަނޑުގެ މަގުން އުޅަނދުފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް ދަތުރުކުރާ އުޅަނދުގައިވާ މީހުން ކޮވިޑުން ރައްކާތެރިވުމަށްޓަކައި، ސިއްހަތު ސަލާމަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް ވެސް ވަނީ އަންގާފައެވެ.

މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!