އައިސީޔޫގައި އޮތް ފަރާޒް ޚާންގެ ހޮސްޕިޓަލު ބިލުތައް ދައްކައިދިނުމުން ސަލްމާން އަށް ގިނަ ބައެއްގެ ތައުރީފް

ބޮލީވުޑްގެ ފިލްމްތަކުން ފެނި މަޝްހޫރު ކަމެއް ހޯދި ފަރާޒް ޚާންގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު، ފަރާޒް ގެ ހޮސްޕިޓަލު ބިލުތައް ސަލްމާން ޚާން ދައްކައިދީފިއެވެ.
ބަނޑުގައި ޖަރާސީމު އުފެދިގެން ހޮސްޕިޓަލަށް ގެންދިޔަ ފަރާޒްގެ ސިކުނޑީގައި އިންފެކްޝަނެއް އުފެދި ވެންޓިލޭޓަރުގައި އޮންނަތާ 5 ދުވަހަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމުގައި ފަރާޒްގެ ކޮއްކޮ ފަހްމާން ޚާން ވަނީ ބުނެފައެވެ.
އަދި އޭނާ ވަނީ ފަރާޒް ބޭބެގެ ފަރުވާއަށް ފައިސާގެ ގޮތުން އެހީވެދިނުމަށް ވެސް އެދިފައެވެ.
ފަރާޒްގެ ހޮސްޕިޓަލު ބިލުތައް ސަލްމާން ދައްކައިދިން ކަން ހާމަކޮށްފައިވަނީ ބޮލީވުޑް ތަރި ކަޝްމޭރާ ޝާހް އެވެ. މިކަން ހާމަކޮށް ކަޝްމޭރާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައިވަނީ ސަލްމާން އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.
ކަޝްމޭރާގެ މި ޕޯސްޓާއެކު ގިނަ ބަޔަކު އަންނަނީ ސަލްމާން ގެ ދީލަތިކަމަށް ތައުރީފު ކުރަމުންނެވެ.
ފަރާޒް ޚާން އަކީ އެކްޓަރ ޔޫސުފް ޚާންގެ ދަރިފުޅެވެ.
ފަރާޒް ޚާން ފެނިގެން ދިޔަ ބައެއް ފިލްމްތަކަށް ބަލާއިރު، ފަރެބް، ޕްރިތްވީ، މެހެނދީ، ދުލްހާން ބާނޫ، މެއީ ތެރީ، ޗާންދް ބުޖް ގަޔާ ފަދަ ފިލްމްތައް ހިމެނެއެވެ. އޭނާ ފެނިގެން ދިޔަ ބައެއް ޓީވީ ޝޯވތަކަށް ބަލާއިރު، ސިންދޫރް ތެރެ ނާމް ކާ، ޝްޝްޝް ކޮއި ހޭ، ރާތް ހޯނޭ ކޯ ހިމެނެއެވެ.