މެންސާ މަދުއްރާ: ހުވަދޫބަހުން ދިވެހީންނަށް ވަރަށް ފުރިހަމަ މެސެޖެއް!
މީސްމީޑިއާގައި އިއްޔެ އާންމުވި އެއް ވީޑިއޯ އަކީ ހުވަދޫގެ ބުންނަރު ސްޓޫޑިއޯ އާއި ޗައްޕަލާ ސްޓޫޑިއޯގެ ފަރާތުން ނެރުނު ވީޑިއޯ ލަވަ "މެންސާ މަ ދުއްރާ" ގެ ވީޑިއޯ ލަވައެވެ. މި ލަވައަކީ ހުވަދޫ ބަހުން ތައްޔާރުކޮށް ގެނެސްދީފައިވާ ހިތްގައިމު ލަވައެކެވެ.
މި ލަވަ ތައްޔާރު ކޮށްފައިވާ ބުންނަރު ސްޓޫޑިއޯ އަކީ މިވަގުތު ތިނަދޫގައި ހުރި ހަމަ އެކަނި މިއުޒިމް ކޮމްޕޯޒް ކުރާ ސްޓޯޑިއޯއެވެ. އަދި ޗައްޕަލާ ސުޓޫޑިއޯ އަކީ ތިނަދޫގައި ވަރަށް ފަހުން ހުޅުވި ސްޓޫޑިއޯ އެކެވެ. މި ސްޓޫޑިއޯގެ ފަރާތުން އިބުރަތްތެރި މެސެޖު މުޖުތަމައުއަށް ދިނުމަށް މަޖާ ކޮންސެޕްޓުތަކަށް ވީޑިއޯތައް އަބަދުވެސް ހަދަމުން ގެންދެއެވެ.
މި ލަވަ ވެސް ގެނެސްދީފައި ވަނީ މަޖާ ކޮންސެޕްޓަކަށެވެ. އެހެން ނަމަވެސް މި ލަވައިގައި ދީފައިވާ މެސެޖަކީ ވަރަށް ފުރިހަމަ މެސެޖެކެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި ފެންނަމުންދާ ވަރަށް ނުރަނގަޅު އާދަތަކަކަށް ލަވައިގައި އަލިއަޅުވާލައިފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ލަވައިގައި ހިމަނާލައިފައިވާ ބައެއް ވާހަކަ ތަކަށް ބަލާލާނަމެވެ.
ސާުފުތާހިރުކަން ގެއްލި ތަންތަނުގައި ފެން ހަރުލާފައި ހުންނަ ނަމަ މެއްސާއި މަދިރި ގިނަ ވާނެ ކަމަށް މި ލަވައިގައި ފާހަގަ ކޮށްފައިވެއެެވެ. އަދި އެކަމުގެ ސަބަބުން ބަލިތައް ގިނަވެ، މުޅި ގައި ކަހާ މެހިތަކާހެދި ސަލާމަތް ނުވާނެކަމަށް ބުނެފައިވެއެވެ. އަދި މިކަމުން ލިބޭ ގެއްލުންތަކާމެދު ވިސްނާ މުޅި ރަށް ސާފުތާހިރުކޮށް ބޭއްވުމަށް އަބަދުވެސް އިސްކަން ދިނުމަށް ވަނީ ލަވައިގައި އިލްތިމާސް ކޮށްފައެވެ.
ލަވައިގެ ތިން ވަނަ ކަޑީގައި މެހި ގިނަވާ ނަމަ ބޭރަށް ހިންގުން ފަދަ ބަލިތައް އިތުރުވާނެކަމުގައި ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުން، ނުބައިވެފައި ހުންނަ ކާތަކެތި ބޭރުގައި ނުބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މި ލަވައިގެ ޅެން ހައްދަވާފައިވަނި މަޝްހޫރު ޅެންވެރިޔާ އަބްދުﷲ އަފީފް (އަފިއްބެ) އެވެ. އަދި މި ލަވައިގެ މިއުޒިކް ކޮމްޕޯޒް ކޮށްފައިވަނީ އަބްދުލް ބާތިން އެވެެ. އޭނާ އަކީ ބުންނާރު ސްޓޫޑިއޯގެ ވެރިޔާއެވެ.އަދި މި ލަވަ ކިޔާފައިވަނީ ޝަފީގް އާއި މޯލްޑިވިއަން އައިޑަލް އިން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ތިނަދޫގެ ތަރި މުހައްމަދު ޒަލީފްއެވެ. މި ލަވައިގެ ވީޑިއޯ ޑައިރެކްޓް ކޮށްފައިވަނީ ޓިކްޓޮކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހާޒިފް މުހައްމަދު (ހައްޒެ) އެވެ. އަދި މި ލަވައިގެ ކެމެރާ ކޮށްފައިވަނީ މުހައްމަދު އަބްދުﷲ (ޗިކު) އެެވެ.
މި ލަވަ ނެރުމުގެ ބޭނުމަކީ ސާފްތާހިރު ކަމަށް ރައްޔިތުން ހޭލުންތެރިކޮށް ރައްކާތެރި ތިމާވެއްޓެއް ގާއިމުކުރަން މަސައްކަތް ކުރުން ކަމުގައި ޗައްޕަލާ ސްޓޫޑިއޯގެ ވެރިޔާ މުހައްމަދު މާޖިދު ބުންޏެވެ. އަދި ހަމަ އެހެންމެ، މި ލަވަ ހުވަދޫ ބަހުން ނެރުމުގެ ބޭނުމަކީ ހުވަދޫ ބަސް ދިރުވާ އާލާ ކުރުން ކަމަށާއި، އައްޑޫ އަދި ފުވައްމުލަކު ބަހުރުވަ ފަދައިން، ތިނަދޫގައި ބޭނުންކުރާ ބަހުރުވަ އަކީ ވެސް ތަފާތު ރީތި ބަހުރުވައެއް ކަމަށް ބުންނަރު ސްޓޫޑިއޯގެ ވެރިޔާ އަބްދުލް ބާތިން ވިދާޅުވިއެވެ. އެހެންކަމުން މި ރީތި ބަހުރުވަ ދިވެހި ހުރިހާ ރައްޔިތުންނަށް ފޯރު ކޮށްދޭން ބޭނުންވާ ކަމުގައި ބާތިން ފާހަގަ ކުރިއެރެވެ.
ކުރިއަށް އޮތްތަނުގައި މި ދެ ސްޓޫޑިއޯގެ ފަރާތުން ދެ ލަވަ އަކާއި މަޖާ 3 ވީޑިއޯއެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދެވޭނެއެވެ.
ކޮންމެއަކަސް، ހުވަދޫ ބަހުން ދިވެހީންނަށް ބުންނަރު ސްޓޫޑިއޯ އާއި ޗައްޕަލާ ސްޓޫޑިއޯގެ ފަރާތުން ހުވަދޫ ބަހުން ދިނީ މުހިއްމު މެސެޖެކެވެ. މި ލަވައަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. ބުންނަރު ސްޓޫޑިއޯގެ ފޭސްބުކް ޕޭޖުން މި ލަވަ ބަލާލެވޭނެއެވެ.
އަވަހަށް ލަސްނުކޮށް މި ލަވަ ބަލާލާށެވެ. އެއް ފަހަރު ބަލައިފި ނަމަ އަނެެއްކާ ދެވަނަ ފަހަރަށް ވެސް ބަލާ ހިތްވާނެކަން ގައިމެވެ.
މަ ތިޔައިން އެންމެ ތަންކޮޅެއްވެސް ބަލާހިތެއްނެތް… ވަރަށް ފޫހި