އައްޑޫ އެއާޕޯޓް ތަރައްޤީކޮށް، ދެކުނުގެ ހަބަކަށް ހެދިދާނެ: އިބްރާހީމް ޝަރީފް

އައްޑޫ ސިޓީގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ތަރައްޤީކޮށް ދެކުނުގެ ހަބަކަށް އައްޑޫ ހެދުމަކީ އޭގެ ފައިދާ މުޅި ދެކުނުގެ ހުރިހާ އަތޮޅަކަށް ކުރާނެ ކަމެއް ކަމުގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިޓްވީޓްގައި ޝަރީފް ވިދާޅުވީ، ރޭވުންތެރިކަމާއެކު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަކަށް ތަރައްޤީގެ ކަންކަން ތަރުތީބު ކުރަން މުހިންމު ކަމަށެވެ.
މީގެ އިތުރުން، އިތުރު ޓްވީޓެއްގައި ޝަރީފް ވިދާޅުވީ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލު ކުރެވޭނީ އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދިނުމަށް އަމާޒު ހިފައިގެން ކަމަށެވެ.
އައްޑޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ ވާހަކަ ޝަރީފް ދައްކަވާފައި މިވަނީ، ހުވަދޫގައި އެއާޕޯޓެއް ތަރައްޤީކޮށްފިނަމަ އައްޑޫގެ އެއާޕޯޓްގެ ބޮޑު ބޭނުމެއް ނޯންނާނެ ކަމަށް ހުވަދޫއަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ހުވަދޫ މެންބަރުންގެ މިވާހަކަތަކާއެކު، އެމެންބަރުން ވަނީ ހޫނު ފެނަށް ވެއްޓިފައެވެ.