ޚަބަރު

ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ރާއްޖެ އަންނަނީ

ދެން އެމްވީ ، ދެން އޮންލައިން

ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

Ads by MWSC

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ އަންނަނީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށެވެ.

މި ޓީމު ރާއްޖެ އަންނާނީ ބަންގްލަދޭޝް އަދި ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ހަމަޖައްސާފައިވާ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުގައި މި މަހުގެ 20 ވަނަ ދުވަހު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މެޑިކަލް ޓީމެއް ފޮނުވުމުގެ އިތުރުން ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ ބައެއް މެޑިކަލް އިކުއިޕްމަންޓްސްވެސް ބަންގްލަދޭޝްއިން ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދަކަށް ދިވެހިން ބަންގްލަދޭޝް އަދި ނޭޕާލްގައި ތިބޭއިރު، ކޮވިޑާއި ގުޅިގެން އެ ދެ ގައުމު މިވަގުތު އޮތީ ލޮކްޑައުންގެ ހާލަތުގައެވެ.

ކޮވިޑާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ގައުމަށް އަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާ އިން ވަނީ ދިވެހިންތަކެއް އަނބުރާ ރާއްޖެ ގެނެސްފައެވެ.

ރާއްޖެ އަންނަ ހުރިހާ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފެސިލިޓީގައި ތިބެން ޖެހޭނެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ނިމުމުން ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!