ދަނޑެއްގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރި މީހަކު 25 އަހަރަށް ޖަލަށް
ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ގދ. ގަމުގައި ދަނޑު ހައްދަން އުޅުނު މީހަކު އެ ދަނޑުގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރި މައްސަލަ ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ގދ. ގައްދޫ/ނޫރީގެ، އަލީ ޝަޒީނު(37އ.)ގެ މައްސަލަ ފުލުހުން ބަލަން ފެށީ 2021ވަނަ އަހަރު އޮގަސްޓު މަހުއެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ 2021 ސެޕްޓެމްބަރު 1ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ނިންމައި ގައްދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ 25 އަހަރަށް ޖަލަށް ލުމާ އެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާ ކުރި އިރު އެ ދެ ދައުވާ ވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
