ޚަބަރު

ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވަނީ ތިން ސިޔާސީ ޕާޓީ

ދެން އެމްވީ ، ދެން އޮންލައިން

ދެހާސް ނަވާރަވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވަނީ ތިން ސިޔާސީ ޕާޓީގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

Ads by MWSC

އެ ކޮމިޝަނުން ވަނީ މިދިޔަ މަހުގެ 31ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މެންބަރުން ތިބި އަދަދުތައް ހާމަކޮށްފައެވެ.

އެ ހިސާބުތައް ދައްކާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވާ ތިން ސިޔާސީ ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށް ޕާޓީތަކާ ބެހޭ ގަވާއިދުގައި ވަނީ ބުނެފައެވެ.

އަހަރު ނިމުނުއިރު އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގައެވެ. އެ ޕާޓީގެ މެންބާޝިޕް ވަނީ ބައިލައްކަ ފަހަނައަޅާ ގޮސްފައެވެ. އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 54101 މެންބަރުންނެވެ. ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 36078 އެވެ. ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓިީގައި ތިބީ 11072 މެންބަރުންނެވެ.

އޭގެ އިތުރުން ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭގައި ތިބީ 8506 މެންބަރުންނެވެ. އެމްޑީއޭއަކީ ކުރިން ދިހަ ހާސް މެންބަރުން ހަމަކޮށްފައިވާ ޕާޓީއެކެވެ. އަދާލަތު ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބީ 6789 މެންބަރުންނެވެ. އަދާލަތު ޕާޓީގައި ގާނޫނު ބުނާ އަދަދަށް މެންބަރުން ހަމަވެފައިނުވާތީ މީގެ ތިން ހަތަރު އަހަރެއް ކުރިން ފެށިގެން އެ ޕާޓީއަށް އެއްވެސް އަހަރަކު ފައިސާ ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން ރަޖިސްޓްރީކޮށްދިން ރައީސް މައުމޫންގެ އެމްއާރްއެމްގައި މިހާރު ތިންހާސް މެންބަރުން ހަމަނުވެއެވެ. އެޕާޓީގައި މިވަގުތު ތިބި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ފެންނަނީ 2851 މެންބަރުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!