ދިވެހި މަންމައެއްގެ ހިތް ކުދިކުދި ކޮށްލި ފޯންކޯލް: "މަންމާއެވެ. އަހަރެން މިހުރީ ސީރިއާގައެވެ."
ސީރިއާއަށް ހަނގުރާމައަށް ދިވެހީން ދާ ވާހަކަ އަކީ މިއަދު އަޅުގަނޑުމެންނަށް އައު ވާހަކައެއް ނޫނެވެ. އެތައް ދިވެހީންނެއް ޖިހާދުވުމުގެ ނަމުގައި އެތަނަށް ގޮސްގެން އެބައުޅެއެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު މި ފަނާކުރުވަނިވި ދުނިޔެއާ އަލްވަދާއު ވެސް ކިޔައިފިއެވެ. ނޫކަށި ފުރައިގެ ޒުވާނުން ވެސް ކައިވެނިކޮށް ދަރިއަކު ލިބުމުން ދަރިފުޅު ގޮވައިގެން ސީރިއާ އަށް ދެއެވެ. ގޮސް ދެމަފިރިން މަރުވުމުން ދަރިފުޅު އެތަނުގައި ޔަތީމު ހާލުގައި ޖެހިފައި އެބަތިބެއެވެ.
މިއީ ގިނަ ބަޔަކަށް ދައްކަން ނުކެރޭ ވާހަކަތަކެެކެވެ. ނުވަތަ ދައްކަން ބޭނުން ނުވާ ވާހަކަ ތަކެކެެވެ. ނަމަވެސް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަކީ މެދުމިނުގެ ދީނެކެވެ. ދީނީ ކަންތައްތަކުގައި ހައްދުފަހަނައަޅައި ގޮސްގެން ނުވާނެއެވެ.
ކިޔައިދޭން މިއުޅެނީ ދިވެހި ޒުވާނެއްގެ ވާހަކައެވެ. އުތުރުގެ ރަށެއްގެ ޒުވާނެއްގެ ވާހަކައެވެ. މި ޒުވާނާއަކީ ކުޑައިރުއްސުރެ ވެސް ވަރަށް އަޚުލާގު ރަނގަޅު ޒުވާނެކެވެ. ބަރާބަރަށް ނަމާދުތައްކޮށް ދީނީ ކަންކަމަށް ފަރުވާތެރި ޒުވާނެކެވެ.
އަމިއްލަ ރަށުން ގުރޭޑް 10އަކާ ހަމައަށް ތައުލީމް ހާސިލު ކުރުމަށް ފަހު އެ ޒުވާނާ ތައުލީމް ހާސިލު ކުރީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީންނެވެ. އެތަނުން ތައުލީމް ހާސިލު ކުރުމަށްފަހު ލިބުނު ސްކޯލާރޝިޕެއްގައި އޭނާ ސައުދީއަށް ކިޔަވަން ދިޔައެވެ.
ސައުދީ އަރަބިއްޔާގައި ކިޔެވުމުގައި އޭނާ ދުވަސްތައް ހޭދަކުރަމުން ދިޔައެވެ. އެއަށްފަހު އޭނާ ދެތިން ރަހުމަތްތެރިއަކާ އެކު އުމްރާއަކަށް ދާ ވާހަކަ އޭނާގެ އާއިލާއަށް ފޯނުކޮށްފައި އޭނާ ބުންޏެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެއެވެ. އާއިލާއިން ތިބީ އޭނާ އުމްރާގެ މަތިވެރި އަޅުކަން އަދާކުރަމުން ދަނީ ކަމުގައި ހީކޮށްގެންނެވެ.
އެހެން ނަމަވެސް އޭނާގެ މަންމައަށް އޭނާ ކުރި ފޯނު ކޯލަކީ މުޅި އާއިލާ ސިއްސުވާލި ފޯނު ކޯލެކެވެ. މުޅި އާއިލާ އެކަންޏެއް ނޫނެވެ. މުޅި ރަށްވެސް އެ ފޯނު ކޯލުގެ ސަބަބުން ސިއްސުވާލިއެވެ. އޭނާ ފޯނު ކުރީ އޭނާގެ މަންމައަށެވެ. ފޯނު ނަގައި ވާހަކަ ދައްކަން ފަށަމުން ބުނި ތިން ޖުމުލައިން އޭނާގެ މަންމަގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ކުޑައިރުއްސުރެ އެހާ ލޯބިދީގެން ބަލައި ބޮޑުކުރި ފިރިހެން ދަރިފުޅަށް، ތަރުބިއްޔަތުގައި މަދުވީ ކޮން ކަމެއް ބާވައޭ އެ މަންމަގެ ހިތަށް އެރިއެވެ. އެ ދަރިފުޅު ދެން ލޮލަށް ފެންނާނެ ބާވައޭ ހިތަށް އެރިއެވެ. އެ ދަރިފުޅުގެ ބޮލުގައި ފިރުމާލާ ދަރިފުޅާ ލޯބިން ވާހަކަ ދައްކާލެވޭނެ ބާވައޭ ހިތަށް އެރިއެވެ.
އެ ޒުވާނާ އޭނާގެ މަންމަގެ ގާތުގައި ބުންޏެވެ. "މަންމާއެވެ. އަހަރެން މިހުރީ ސީރިއާގައެވެ. އަހަރެންނަށް ހެޔޮ ދުޢާ ކޮށްދެއްޗެެވެ."
ލޯބިވާ ދަރިފުޅު ސީރިއާގެ ހަނގުރާމައިގެ މައިދާނުގައި ހުރި ހަބަރު އަޑުއަހަން މައިލަގޮނޑިއަށް ކެތެއް ނުވިއެވެ. އޭނާގެ މަންމަގެ ހަބަރު ހުސްވެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރަން ޖެހުނެވެ. ނަފްސާނީ އެތައް މައްސަލައަކާ އެ މަންމަ ކުރިމަތިލާން ޖެހުނެވެ. އަބަދާއި އަބަދު ދަރިފުޅުގެ ހިޔާލުގައި ހުރެވެއެވެ. އެކަނިހުރެ ވާހަކަ ދެއްކުމާއި ކުއްލިއަކަށް ސިއްސައިގެން ދިއުން ފަދަ ކަންތައްތައް ވާން ފެށިއެވެ.
މިހާރުު އެ ޒުވާނާ ސީރިއާގެ ހަނގުރާމައިގެ މައިދާނަށް ދިޔަތާ 5 އަަހަރު ވަނީއެވެ. ދޭތެެރެ ދޭތެރެއިން އާއިލާއަށް ފޯނު ކުރެއެވެ. އެހެން ނަމަވެސް އާއިލާއަކަށް އޭނާއަށް ގުޅޭނެ އިންތިޒާމެއް ނޯވެއެވެ. ޖެހެނީ އޭނާ ގުޅާނެ އިރަކަށް އިންތިޒާރު ކުރާށެވެ. އޭނާ މިހާރު އުޅެނީ އެގައުމުގެ މީހަކާ ކައިވެނި ކޮށްގެންނެވެ. ދަރިއަކުވެސް ހުރެއެވެ. އައި އާއިލާއަށް ގުޅާ ފަހަރުތަކުގައި އުޅޭ ދަތި ހާލުވެސް ކިޔައިދޭ ކަމަށް ވެއެވެ.
މިހާރު އެ ޒުވާނާ އާއިލާއަށް ހަބަރެއް ނުވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ދުނިޔޭގައި ހުރި ކަމެއް ނުވަތަ ނެތް ކަމެއް ވެސް އާއިލާ އަކަށް ނޭނގެއެވެ. ލޯބިވާ ދަރިފުޅު އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ހުރި މަންމަގެ ދެލޮލުން ކަރުނަ ނުހިކެއެވެ. އަބަދުމެ އެދެވެނީ ލޯބިވާ ދަރިފުޅު ދެކިލުމަށެެވެ. އެ ދަރިފުޅުގެ ގައިގައި ބައްދާލާ ލޯބިވާ ވާހަކަ ބުނުމަށެވެ. އިންތިޒާރު ކުރެވެނީ، ދިރިހުރި އެ މަންމަގެ އުނގުގައި ބޯ އަޅާލަަން އަންނާނެ ދުވަހަކަށެވެ.
މިއީ ސީރިއާ އަށް ދިޔަ ދިވެހި ޒުވާނެއްގެ ވާހަކައެވެ. މި ޒުވާނާގެ އާއިލާ މިއަދު އެތިބީ ބިރުވެރިކަން މަތީގައެވެ. އެޒުވާނާ ދުނިޔޭގައި ހުރިކަމެއް ނުވަތަ ނެތް ކަމެއްވެސް ނޭނގޭތީއެވެ. މިފަދަ ބިރުވެރިކަމެއްގައި ކިތައް ކިތައް އާއިލާ އުޅޭނެ ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
ދުނިޔެއައަށް އުފަން ވުމަށްފަހު ޙަޔާތުގެ ދަތުރު ފެށުނީ. ރުހުނަސް ނުރުހުނަސް އެމީހަކަށް ކަނޑައެޅިފައވާ މަންޒިލަށް ވާޞިލް ވާނެކަން ކަށަވަރު.
މަންމައެއްގެ ހަޔާތް ބަރުބާދު ކޮއްލި ޒުވާނުނަގެ ފޯނުކޯލުތަކެއް މަންމާއެވެ އަހަރެން މިހިރީ ޑުރަގު ބޮއި ވިއްކާ އަދި މަންމަ ބައްޕަ ހައްޖައްދާން ބެހެއްޓި ލާރި ކޮޅު ނަގައިގެން ޑުރަގް ގަނެގެން ބޮއިގެން ޖަލުގަ.
ނު ކެރޭނެ ތި ކަހަލަ ވާހަ ކައެއް ލިޔާ ކަށް.