ރާއްޖެއިން މިހާތަނަށް މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 29 ދިވެހިނާއި 38 ބިދޭސީންނެވެ. ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ބާޒާރު ލިލީ އާއި މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން ހޯދަނީ
ބާޒާރު ލިލީ އާއި މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އަށް އެންގުމަށް އެދެފިއެވެ.
އެޗްޕީއޭ އިން މިކަން އެންގުމަށް އެދިފައިމިވަނީ މާފަންނު އިހުސާން ފިހާރައިގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑޮކްޓަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެ ދެ މީހުން މާފަންނު އިހުސާން ފިހާރައިގެ އިތުރުން އެ ފިހާރައިގެ ޑެލިވަރީގައި ވެސް މަސައްކަތް ކުރާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ މި މަހުގެ 13، 14 ވަނަ ދުވަހު ހެނދުނު 8:00 އިން 18:00 އަށް އަދި 15 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށް ބާޒާރު ލިލީއަށް ދިޔަ މީހުން އެޗްޕީއޭއަށް އެންގުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން މި މަހުގެ 15، 16 އަދި 17 ވަނަ ދުވަހު މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން ވެސް އެޗްޕީއޭއަށް އެނގުމަށް އެދޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.