ޖަލުގައި އެންމެ ގިނައީ 18 އަހަރާއި 34 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން

ޖަލުގައި އެކި ކުށްތަކަށް ހުކުމް ތަންފީޒު ކުރަމުންގެންދާ ގައިދީންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ ދިވެހިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތަފާސް ހިސާބުގެ ދުވަހާއި ގުޅުވައިގެން، ކަރެކްޝަންސް އިން އާންމުކޮށްފައިވާ މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫންގެ ނިޔަލަށް އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ 851 ފިރިހެނުންނާއި 41 އަންހެނުން އަންނަނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންނެވެ.
ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީންގެ ތެރެއިން ދެން އެންމެ ގިނައީ 35 އަހަރާއި 54 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ މީގެތެރެއިން 567 ފިރިހެނުންނާއި 41 އަންހެނުންނެވެ.

މީގެ އިތުރުން އެކި މައްސަލަތަކުގެ ތަހުޤީގަށް ރިމާންޑް ޖަލުތަކުގައި ތިބި މީހުންގެ ތެރޭގައި ވެސް އެންމެ ގިނައީ އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުން ކަން ފާހަގަކުރެވެއެވެ. އެގޮތުން މި އުމުރުގެ 186 ފިރިހެނުންނާއި 8 އަންހެނުން ރިމާންޑު ޖަލުތަކުގައި އެބަ ތިއްބެވެ.
ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުން އަންނަ މީހުންނެވެ. އެގޮތުން 66.1 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނެވެ.

މީގެ އިތުރުންވެސް ވައްކަމާއި، ފޭރުމާއި ޒިނޭއާ މިފަދަ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުން ގެ އަދަދުވެސް ގިނަ ކަން ފާހަގަކޮށްލެވެއެވެ.
ބިދޭސީން ލައްވާ ކުރުވާ ސަރުކާރުގެ މަސައްކަތް ތައް ޖަލުގަ ތިބި މީހުން ލައްވާ ކުރުވަބަލަ ، ބިދޭސީން ފޮނުވާލާފަ