ބޮޑު ކަންނެލި ކިލޯއަކުން 15 ރުފިޔާ ދަށްކޮށް ކަންނެލީގެ އަގު ވައްޓާލައިފި

ކަންނެލީގެ އަގު ފާއިތުވެދިޔަ ދެތިން ދުވަހު ބޮޑު ކުރުމަށްފަހު މިހާރު އަގު ދަށް ކުރުމާއިއެކު ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މިހާރު 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއްގެ އަގަކީ 55 ރުފިޔާއެވެ. ނަމަވެސް މި މަހު 18 އިން ފެށިގެން ބޮޑު ކަންނެލި ގަންނަ ކުންފުނިތަކުން ގަންނަމުން ދިޔައީ 30 ކިލޯއިން މަތީގެ ކަންނެލި 70 ރުފިޔާއަށެވެ. މިހާރު 55 ރުފިޔާއަށް އަގު ދަށްވުމުން މިއީ ކުރިޔާ އަޅާ ބަލާއިރު 15 ރުފިޔާގެ ދަށް ވުމެކެވެ. އަދި 18 ކިލޯއާއި 30 ކިލޯއާއި ދެމެދުގެ ކަންނެލި ކިލޯއެއް 60 ރުފިޔާއަށް މަތި ކުރުމަށް ފަހު މިއަދު ވަނީ 50 ރުފިޔާއަށް އަގު ދަށް ކޮށްފައެވެ.
މިކަމާ ގުޅިގެން ބޮޑުކަންނެލި ގަންނަ ފަރާތްތަކާ ސުވާލު ކުރުމުން އެމީހުން ބުނެފައި ވަނީ އަގަށް ބަދަލު ގެންނަން ޖެހުނީ ރާއްޖެއިން ބޭރުގައި ކަންނެލި ގަންނަ އަގުތަކަށް ބެލުމުގެ އިތުރުން މަސް ބޭރުކުރުމަށް ދާ ޚަރަދަށް ބެލުމަށް ފަހު ކަމަށެވެ.
އެހެން ނަމަވެސް ކަންނެލި ގަންނަ އަގު ވައްޓާލުމާ ގުޅިގެން މަސްވެރީން ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
"ކަނޑު މަޑުވެ ކިރިޔާ ދުއްވާލެވި ދެތިން ދޯންޏަކަށް ކަންނެލި ކޮޅު ބޭނޭއިރަށް، ބޮޑުތަނުން އަގު ވައްޓާލައިފި! މީ ކޮންކަހަލަ ދެމެހެއްޓެނިވި ކަމެއްތޯ! ދެމެހެއްޓެނިވި މަސްވެރިކަމަކީ މަސްވެރިން އިގްތިސާދު އަޅުންނަށް ވާ، މަސްގަންނަ މަދު ބަޔަކު މުއްސަނދިވާ ގޮތަށް އޮންނަ ކަމެއްތޯ؟" މަސްވެރިޔަކު ޝުޢޫރު ފާޅު ކޮށްފައި ވެއެވެ.
މިގޮތަށް ކުއްލިޔަކަށް މަސް ގަންނަ އަގު ވައްޓަމުން ދާތީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.