ޚަބަރު

މާޗް މަހު ހިޔާ ފްލެޓްތައް ހަވާލުކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް: އެޗްޑީސީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް އަންނަ މާޗް މަހު ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ސުހެއިލް ވިދާޅުވި ގޮތުގައި ފިނިޝިން ނިންމަން ފްލެޓް ލިބޭ މީހުންނަށް މުއްދަތެއް ދޭނެ ކަމަށާއި އެ މުއްދަތުގައި ކުއްޔެއް ނުނަގާނެ ކަމަށެވެ.

އޭނާ ވިދާޅުވީ 25 ބުރީގެ ޓަވަރުތަކުގައި މިހާރު ކުރަނީ ތަޅުން އެޅުމުގެ މަސައްކަތް ކަމަށާއި ކަރަންޓާއި ފެން ވައިރުކޮށް ފެބުރުއަރީގެ ނިޔަލަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ. އެ މަސައްކަތާއެކު ޕާކިން އާއި ލޭންޑް ސްކޭޕިންގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތްކޮށްފައިވާ އިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެއެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން 5 މީހުންނަށް ދިރިއުޅެވޭނެ ކަމައް އެޗްޑީސީ އިން ލަފާކުރެއެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ.

ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯ ޚާއްޞަކޮށްފައި ވަނީ ވިޔަފާރިތަކަށެވެ. އަންނަ މަހުގެ ތެރޭގައި، އެތަންތަނަށް ކުރިމަތިލާން ވެސް އިއުލާނު ކުރާނެ ކަމަށް ސުހެއިލް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!