އިފުރު އެއަރޕޯޓާއެކު އިފުރު ރިސޯޓް 65 މިލިޔަން ޑޮލަރަށް ވިއްކާލަނީ
އިފުރު އެއާޕޯޓާއެކު އިފުރު ރިސޯޓު 65 މިލިއަން ޑޮލަރު އަށް ވިއްކާލަން އަނެއްކާ ވެސް އިއުލާނު ކޮށްފި އެވެ.
ބޭރުގެ ބައެއް ޕްރޮޕަޓީ ވިއްކާ މަޖައްލާތަކުގައި މި ރިސޯޓާއި އެއާޕޯޓް އެއްކޮށް ވިއްކާލާ އަގު ވަނީ ހާމަކޮށްފަ އެވެ. އީޖީއޯ މެގަޒިންގައިވާ ގޮތުން މި ދެ ޕްރޮޕަޓީ އެއްކޮށް ވިއްކާލަނީ 65 މިލިއަން ޑޮލަރެވެ.
ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ (ޓީއެސްއެމްއައިސީ) އިން އިންވެސްޓް ކޮށްގެން ތަރައްގީ ކޮށްފައިވާ ފަސް ތަރީގެ އިފުރު ރިސޯޓާއި އެއާޕޯޓް ވިއްކާލަން މީގެ ކުރިން ވެސް އިއުލާނު ކޮށްފައިވެއެވެ. ނަމަވެސް އެ ފަހަރު އެ ކުންފުނިން މި ދެ ޕްރޮޕަޓީ ވިއްކާލާ އަގު ބުނެފައެއް ނުވެއެވެ.
އެ ފަރާތުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 50 އަހަރުގެ މުއްދަތަށް ވިއްކާލާ އިފުރު ރިސޯޓާއި އެއާޕޯޓް ތަރައްގީ ކޮށްފައިވާ ރަށަކީ 56.52 ހެކްޓަރުގެ ގުދުރަތީ ގޮތުން ހާއްސަ ސިފަ ތަކެއް ލިބިފައިވާ ރަށެވެ. އިފުރު ރިސޯޓުގައި ޖުމްލަ 150 ބީޗްވިލާ ހުރެއެވެ. މި ރިސޯޓަކީ 300 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓު ގަންނަ ފަރާތަކަށް ބ. ފުނަދޫ ކިޔާ ރަށެއް 50 އަހަރުގެ މުއްދަތަށް ލިބޭނެއެވެ. ގާތްގަނޑަކަށް 12 ހެކްޓަރުގެ މި ރަށުގައި 90 ކޮޓަރީގެ ރިސޯޓެއް ތަރައްގީ ކުރެވޭނެއެވެ.