ޚަބަރު

ފަރުވާ ދިނުމުގައި ދިވެހިންނާއި ބަންގްލަދޭޝް މީހުން ތަފާތެއް ނުކުރަން: މިނިސްޓަރ ޝާހިދު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ދިރިއުޅޭ ބައެއް ބަންގްލަދޭޝް ރައްޔިތުން ވެސް ކޯވިޑް-19 އަށް ފައްސި ވުމާއި ގުޅިގެން، އެފަރާތްތަކަށް ފަރުވާ ދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖެއަށް ބަންގްލަދޭޝުން ހަވާލުކުރި 100 މެޓްރިކްޓަނުގެ އެހީ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކާ، ދިވެހިންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުގައި ސަރުކާރުން އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.

"ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންވެސް މި ވައިރަސްގެ ޝިކާރައަކަށް ވެފައިވާކަން ހިތާމައާއެކު ފާހަގަ ކުރަން. އެހެންނަމަވެސް، އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، ބައްޔަށް ފަރުވާދިނުމުގައި ދިވެހިންނާ ބަންގްލަދޭޝްގެ ރައްޔިތުންނާ އަދި އެހެން ބިދޭސީ އަކާ ތަފާތު ނުކުރާނެކަމުގެ ޔަގީންކަން. ކޮންމެ ގައުމެއްގެ ރައްޔިތެއް ނަމަވެސް ދޭންޖެހޭ ސިއްހީ އެހީތެރިކަމާ ރައްކާތެރިކަން ފޯރުކޮށްދޭނަން،" ފޮރިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ބަންގްލަދޭޝުން ރާއްޖެއަށް ކާބޯތަކެއްޗާއި ބޭސް އަދި މެޑިކަލް އިކުއިޕްމެންޓް ހަދިޔާ ކޮށްފައިވާއިރު، މިތަކެތި ރާއްޖެ ގެނެސްފައިވަނީ އެޤައުމުގެ އަސްކަރީ މަނަވަރެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!