ޚަބަރު

ސަމާލުވޭ! މިހާރު ވައިރަސް ފެތުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ޑެލިވަރީން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކޮށް ހުރިހާ ރަށެއް ރަށު ބަންދު ކޮށްފައި އޮތުމުން ދެން ވައިރަސް ފެތުރުމުގެ އެންމެ ބޮޑު ފުރުސަތެެއް އޮތީ ޑެލިވެރީ އިން ކަމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

Ads by MWSC

މިއަދު ހަވީރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެފައިވާ ގޮތުގައި، ވައިރަސް ފެތުރުން ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ ގައިދުރު ކުރުމާއި ގިނަ ގިނައިން އަތް ދޮވުމެވެ.

ލޮކްޑައުން ކޮށް ރައްޔިތުން ބޭރަށް ނިކުތުން މަނާކޮށްފައިވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ކަމުގައި ފާހަގަ ކުރައްވަމުން ޑރ. ވިދާޅުވީ ޒަރޫރީ ބޭނުމަކަށް ނޫނީ އެކަކު ވެސް މިހާރު މަގުމަތީގައި އުޅޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަދި ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ބޭރަށް ނިކުންނަ ފަރާތްތަކުން ވެސް ސިއްހީ މާހިރުންގެ އިރުޝާދު ތަކަށް ބޯލަނބައި، މާސްކު އަޅައި ވީ ވަރަކުން ގައިދުރުކަން އިސްކުރުމަށް ޑރ. ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ޑރ ވަނީ ޑެލިވެރީ އަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިލައްވާފައެވެ.

"މިހާރު އަޅުގަނޑުމެން މި އޮތް މާލެ އިން ވައިރަސް އިތުރަށް ސްޕްރެޑް ވުމުގެ މަގުތައް މި އިންނަނީ ބޮޑަށް ޑެލިވަރީ ސިސްޓަމް ނުވަތަ ސާމާނު އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި. އެ ހިސާބުން އިތުރު ބަޔަކަށް ދިއުމުގެ ފުރުސަތު އިންނާނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މުދާ އުފުލުމުގެ މަސައްކަތް ހަވާލު ކުރާ މީހުން މުވައްޒަފުން ތިބީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވަމުން ޑރ ވަނީ އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމުގައި ބައެއް ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ނާޅާ އުޅޭ ކަމުގެ ޝަކުވާ ލިބޭކަންވެސް ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ބަލި ހުންނަ އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނުނިކުތުމަށް ވެސް ޑރ ވަނީ އެދިލައްވާފައެވެ.

ރާއްޖެއިން މިހާތަނަށް 86 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 41 ދިވެހިންނާއި، 45 ބިދޭސީންނެވެ. އަދި 16 މީހަކުވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!