ޚަބަރު

އައްޑޫ ގޭދޮށު މަސް ފެކްޓަރީ އެޅުމުގެ މަސައްކަތަށް ކޮންސަލްޓެންޓެއް ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫގައި ގޭދޮށު މަސް ފެކްޓަރީ އެޅުމުގެ މަސައްކަތަށް ކޮންސަލްޓެންޓެއް ހޯދަން އައްޑޫ ސިޓީ ކައުންސިލުން އަނެއްކާ ވެސް އިއުލާން ކޮށްފި އެވެ.

Ads by STELCO

އައްޑޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެކަމަށް އަނެއްކާ ވެސް ފުރުސަތު ހުޅުވައިލީ، މިދިޔަ ޑިސެމްބަރު މަހު ކުރި އިއުލާނަށް އެއްވެސް ބަޔަކު ބީލަން ހުށަހަޅާފައި ނުވާތީ ކަށެވެ. އެހެންވެ، ކުރީގެ އިއުލާން ބާތިލްކޮށް އަލުން އެ މަސައްކަތަށް ފުރުސަތު ހުޅުވައިލީ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫގެ ތިން ރަށެއްގައި ގޭދޮށު މަސް ފެކްޓަރީ ގާއިމް ކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އެ މަސައްކަތުގެ ކޮންސަލްޓެންސީގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސިޓީ ކައުންސިލުން ބީލަން ކަރުދާސް ދޫކުރާނެ ކަމަށް އިއުލާނުގައި ވެ އެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. މި މުއްދަތުގެ ތެރޭގައި، ބީލަމާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ އެ އިދާރާއަށް މެއިލް ކުރުމުން ޖަވާބު ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ގޭދޮށު މަސް ފެކްޓަރީ ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ވަނީ ލޯކަލް ކައުންސިލްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ގޭދޮށު މަސް ފެކްޓަރީ ގާއިމް ކުރުމަށް މަގުފަހި ކުރަން ޖެހޭ ގޮތަށް މަސްވެރިކަމުގެ ބިލެއް ވެސް ފާސްކޮށްފަ އެވެ.

ގޭދޮށު މަސް ފެކްޓަރީގެ ބޭނުމަކީ މަސްވެރިން ބާނާ މަސްތައް ގަތުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމެވެ. މި ފެކްޓަރީތައް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި މި ވަނީ އައްޑޫގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!