ޚަބަރު

"ޓެސްޓުކުރާ މިންވަރު އިތުރުކޮށްފިނަމަ، ޕޮޒިޓިވްވާ މީހުން އިތުރުވުމުގެ ފުރުސަތު އެބައޮތް"

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19އަށް ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވިއްޖެނަމަ، ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

މަބްރޫކް މިހެން ވިދާޅުވީ މިއަދު ހަވީރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މިހާރު ދުވާލަކަށް ރާއްޖޭގައި ހަދަނީ 200-300 އެއްހާ ޓެސްޓް ކަމަށެވެ. އަދި ބައެއް ޓެސްޓު ތަކުގައި ސާންޕަލް ނެގުމާއި ނަތީޖާ ލިބުމުގައި ލަސްތަކެއް ދިމާވާ ކަން ވެސް މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެން ކަމުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ގިނަ ބަޔަކު ދެނެގަނެވުނު ނަމަވެސް، ޓެސްޓް ހަދާ މިންވަރު އިތުރުކުރާނަމަ ދުވަހުން ދުވަހަށް ފެންނަ ކޭސްތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"ޓެސްޓްކުރުމުގެ އަދަދު ހުރީ އެއްވަރެއްގެ ކަމުގައި ވެފައި، ކޮންޓެކްޓްތައް ހޯދަމުންދާ މިންވަރު އިތުރުވަމުންދާވަރު އިތުރުވިޔަސް، އެ ޓެސްޓްތަކުގެ ނަތީޖާ އަންނަައިރު ގާތްގަނޑަކަށް އެއް ހިސާބެއްގައި ނަތީޖާތައް އުޅުމަކީ، އޭގެ މާނައެއް ނޫން ޕޮޒިޓިވްވާ ކޭސްތައް މަދީއޭ." ، މަބްރޫކް ވިދާޅުވިއެވެ.

މާލެއިން ވައިރަސް ފުރަތަމަ ފެނުނުތާ ހަފްތާއެއް ވެފައިވާއިރު މިހާތަނަށް 66 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. އަދި ކޮންޓެކްޓް ޓްރޭސިން ގެ ތެރެއިން 2،391 މީހަކު ވަނީ ދެނެގަނެވިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!